22 Feb 2014, 13:11
މެލޭޝިއާގައި ނަން މަޝްހޫރު އަދި ވިލާ ކޮލެޖްގައި އެންމެ ގިނަ ކޯސްތަކެއް ހިންގަމުން އަންނަ އޯޕަން ޔުނިވާސިޓީ މެލޭޝިއާ (އޯޔޫއެމް) އިން ދެމުން އަންނަ މެރިޓޯރިއަސް އެވޯޑް ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހްމަދު އަންވަރަށް ލިބިވަޑައިގެންފި އެވެ.
ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި މިއަދު ހެނދުނު އޮތް ވިލާ ކޮލެޖުގެ ހަތަރު ވަނަ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ޑރ. އަންވަރަށް އެ އެވޯޑް ހަވާލުކުރައްވާފައި ވަނީ ރަސްމިއްޔާތުގެ ހާއްސަ މެހްމާން މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު އަބްދުﷲ ހާޖީ އަހްމަދު ބަދާވީ އެވެ.
އެވޯޑް ލިބިވަޑައިގަތުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ އޭނާ އަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާލުން ހިމެނޭ ކަމަށެވެ.
ހާއްސަކޮށް ކޮންމެ ކާމިޔާބީއެއްގައި އޭނާގެ އަނބިކަބަލުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ މިދާއިރާ އިން ލިބޭ އިތުރު ހިތްވަރެއް ކަމަށާއި އެކަމަށް ޓަކައި ލޯތްބާ އެކު އަނބިކަބަލުންނަށް ޝުކުރުއަދާކުރައްވާ ކަމަށް އަންވަރު ވިދާޅުވި އެވެ.
"މީހުން ބުނެ އުޅޭ ފިރިމީހާގެ ދިރިއުޅުމުގެ ބޮޑު ބަޔަކީ އޭނާގެ އަނބިމީހާއޭ. އަހަރެންގެ ދިރިއުޅުމުގެ ބޮޑު ބަޔަކީ ރަމްލާ (އަންވަރުގެ އަނބިކަބަލުން)." އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ އޭނާ އަށް ލިބިވަޑަޑައިގެންފައިވާ ފިރިހެން ދަރިފުޅާއި ކާފަ ދަރިފުޅާއި އޮންނަ ގާތް ގުޅުމުގެ ސަބަބުން އޭނާގެ ކުރިއެރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދީ ދިރިއުޅުމުގައި ހުރަސްކުރަން ޖެހޭ ދަތިތަކާ ކުރިމަތިލުމަށް ހިތްވަރު ލިބިގެންދާ ކަމަށެވެ.
ސ. ހުޅުމީދޫ އަށް އުފަން ޑރ. އަންވަރު ރަށުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމަށް ފަހު މާލެ ވަޑައިގަތް ސެކަންޑަރީ އެޑިއުކޭޝަން ހާސިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި ސެކަންޑްރީ ތައުލީމް ފުރިހަމަކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރެއްވީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގަ އެވެ.
ށ. އަތޮޅުގެ ކަތީބުކަން ކުރައްވަމުން ވެސް އެއްވެސް އުޖޫރައަކާއި ނުލާ ސިވިލް ސާވިސް މުވައްޒަފުންނަށާއި ށ. އަތޮޅު އޮފީހުގެ މުވައްޒަފުންނަށް އިނގޭރި ކިޔަވައިދެއްވި އަންވަރަކީ ގިނަ އަތޮޅެއްގެ އެޑިއުކޭޝަން ސެންޓަރުތަކެއްގެ ހެޑްމާސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީ އަށް 1981ގައި ގުޅިވަޑައިގަތް ސްކޫލްތަކުގެ ކުރިއެރުންތަކަށާއި ޓީޗަރުންނަށް ގިނަ ހިދުމަތްތަކެއް އަންވަރު ކުރައްވާފައިވެ އެވެ. މީގެ ޑރ. އަންވަރު ވަނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި މޯލްޑިވްސް އެކްރެޑޭޝަން ބޯޑުގެ އިސްވެރިއާގެ މަގާމް ވެސް ފުރުއްވާފަ އެވެ.
ސިވިލް ސާވިސްގެ ވަޒީފާ އިން 2007 ވަނަ އަހަރު ރިޓަޔާ ވަޑައިގަތް އަންވަރުވަނީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޕްރައިވެޓް ކޮލެޖް، ވިލާ ކޮލެޖް އުފެއްދެވުމުގައި އިސް ރޯލެއް އަދާ ކުރައްވާފަ އެވެ.
އެގޮތުން އަންވަރުގެ މަސައްކަތުން، 16 ދަރިވަރުންނާ އެކުގައި ފެށި ވިލާ ކޮލެޖުގައި މިހާރު 3000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ އިރު އޭނާ ވަނީ އަތޮޅު ތަކުގައި ވެސް އެ ކޮލެކްގެ ގިނަ ކެމްޕަސްތަކެއް ހުޅުވުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.