ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ގެންދާ ބިދޭސީންގެ ތެރެއިން ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 3000 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލަފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅެނިކޮށް ފޮނުވާލި ބިދޭސީންނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 އިން ފެށިގެން މި ޖެނުއަރީގެ ނިޔަލަށް ދެ ފަހަރެއްގެ މަތިން އެ ޑިޕާޓްމަންޓުން ހުޅުވާލި އެމްނެސްޓީ ޕްރޮގްރާމްގައި ރަޖިސްޓްރީވި 5124 މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ޓަކައި އަމިއްލަ ހަރަދުގައި ވަޒަނަށްދާން ބޭނުންވާ ބިދޭސީންނަށް އެއްވެސް ޕެނަލްޓީއަކާއި ނުލައި އެނބުރި ގައުމަށް ދެވޭނެ މަގު އިމިގްރޭޝަނުން މިހާރު ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން އާ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެ ޑިޕާޓްމަންޓުން ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ގައުމީ ސަލާމަތާއި އިޖުތިމާއީ ރައްކާތެރިކަން ހާސިލްކުރުމަށް ޓަކައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 40،000 އިން 5000 އަށް މަދުކުރުމަށް އެ ޑިޕާޓްމަންޓުން ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ގުޅުން ހުރި މަސައްކަތްތައް ހަރުދަނާ ކުރުމަށް ޓަކައި ޕޮލިސީއަކާއި ފަންނީ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.