22 Feb 2014, 12:10
އަންނަ މޭމަހު ރާއްޖޭގައި ބާއްވާ ފުރަތަމަ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އެކުލަވާލި ޙާއްސަ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.
ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމަށް އެކުލަވާލި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ޔޫތު މިނިސްޓްރީގަ އެވެ. މި ބައްދަލުވުމުގައި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ޓަކައި ކަމާ ބެހޭ ދާއިރާތަކާއި މަސައްކަތް ހަވާލުކުރައްވާފައިވާ ކަމަށް ޔޫތް މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.
ކޮމިޓީން ކަމާ ބެހޭ ދާއިރާތަކާއި ހަވާލުކުރީ ވޮލެންޓިއަރުން ހޯދުމާއި އެމީހުން ތަމްރީނު ކުރުމާއި މުބާރާތުގެ ސަލާމަތީ ކަންކަމާއި ޞިއްޙީ ރައްކާތެރިކަމާބެހޭ ޕްލޭނެއް ރޭވުމާއި ވިސާގެ ކަންކަން ރޭވުންތެރިކަމާ އެކު ހަމަޖެއްސުމާއި ކުއްލި ޙާލަތުގައި ދަތުރުތައް ބާއްވާނެ ގޮތެއް ރޭވުމާއި އަދި އެތެރޭގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖެއްސުމަށެވެ.
ޔޫތު މިނިސްޓަރު މުޙައްމަދު މަލީޙް ބައިވެރި ވަޑައިގެންނެވި ބައްދަލުވުމުގައި ކަމާ ބެހޭ ދާއިރާތަކާއި މަސައްކަތް ހަވާލުކުރުމުގެ އިތުރުން ކޮމިޓީން ވަނީ މުބާރާތުގެ އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ތަފާތު ފަސް ސަބް ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޔޫތް މިސްޓްރީން އެކުލަވާލި ކޮމިޓީގައި ހިމެނެނީ 14 މެންބަރުންނެވެ. އެ މެންބަރުންގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި، އެފްއޭއެމް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން، އައިލެންޑް އޭވިއޭޝަން، ކަސްޓަމްސް، އައިޖީއެމްއެޗް، ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއި އަދި އެމްޓީސީސީގެ އިސް ބޭފުޅުންނެވެ.