22 Feb 2014, 12:04
ހދ. ހަނިމާދޫގައި ނަރުދަމާ ނިޒާމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއު ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
އެ ރަސްމިއްޔާތުގައި އެންވައިރަމަންޓް މިނިސްޓަރު ތާރިގު އިބްރާޙިމް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިއަދު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫތަކުގެ ތެރޭގައި ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނޭ ކަމުގައި ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ އެންމެހާ ދަތިތައް ފިލުވައިދިނުން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ކައިރި މުސްތަގުބަލެއްގައި މި މުހިންމު އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންޓް އަންސްތާލްތްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި ފާހާނާ ހޮޅިއެޅުމާއި ސްވޭޖްޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި ސީއައުޓްފްލޯ ސިސްޓަމެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހު އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތް ނިމޭއިރު ހަނިމާދޫގެ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ ނަރުދަމާ ނިޒާމެއްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހައުންސިން މިނިސްޓްރީން ބުންޏެވެ.
ހަނިމާދޫގައި ނަރުދަމާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތަކީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންޓް އަންސްތާލްތްސް ކުންފުނިން ގާއިމްކުރަމުން ގެންދާ ޕްރައިވެޓް ވިލާ އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މީގެ އިތުރުން އެ ކުންފުނިން އެ ރަށުގައި ސިޓީ ހޮޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ގެންދަނީ ކުރަމުންނެވެ.