މެންޗެސްޓާ ޔުނައިޓެޑްގެ ސާބިއާ ޑިފެންޑަރު ނަމެންޔާ ވިޑިޗް އިޓަލީގެ އިންޓަ މިލާނާއި ގުޅުމާއި ވަރަށް ގާތް ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ކަށަވަރުވެގެން ދާނެ ކަމަށް އިންޓަގެ ރައީސް އެރިކް ތޯހިރު ބުނެފި އެވެ.

މިސީޒަން ނިމުމުން ޔުނައިޓެޑާ އެކު ވިޑިޗް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ އިރު، އޭނާ ހޯދުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ އިންޓައިންނެވެ. ޔުނައިޓެޑާ އެކު އިތުރު އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށް ވިޑިޗް އިޢުލާން ކުރުމުން އިންޓައިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް އިތުރުކޮށްފަ އެވެ. މިހާރު ވިޑިޗް ހޯދުމުގެ މަސައްކަތުގެ ނުވަދިހަ އިންސައްތަ ނިމިފައިވީ ނަމަވެސް އެކަން އިޢުލާން ކުރާނީ މުޅިން ނިމުމުން ކަމަށް ތޯހިރު ބުނެފައިވެ އެވެ.

"އަހަރެން ބޭނުމެއް ނޫން 90 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމެއްގެ ވާހަކަ އިއުލާން ކުރާކަށް." އިންޓަގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ތޯހިރު ބުނެފައިވެ އެވެ. "ވިޑިޗްއާ އެކު އަހަރެމެންނަށް ތަޖުރިބާ ގެނެވޭނެ. އަދި ވިޑިޗް އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިޑިޗްގެ ޓްރާންސްފާގެ ކަންތައް ކަށަވަރުވާނެ."

މިސީޒަން ނިމުމުން ޔުނައިޓެޑް ދޫކޮށް ދާން ބޭނުންވާކަން ވިޑިޗް އިއުލާންކުރީ މިމަހު ހަތްވަނަ ދުވަހު އެވެ. ވިޑިޗް ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވަނީ އާ ކުރިމަތިލުމަކަށް ތައްޔާރުވާން ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ބޭނުންވަނީ އޭނާގެ މޮޅު ކުޅުން އެހެން ކްލަބެއްގައި ދައްކާލަން ކަމަށެވެ.

ޔުނައިޓެޑާއި ވިޑިޗް ގުޅުނީ ޖެނުއަރީ 2006ގައި ސްޕާޓަކް މޮސްކޯއިންނެވެ. ހަތް މިލިއަން ޕައުންޑަށް ޔުނައިޓެޑާއި ގުޅުމަށް ފަހު، ވިޑިޗް ވެގެންދިޔައީ އެކްލަބުގެ އެންމެ މުހިންމު ސެންޓްރަލް ޑިފަންޑަރުންގެ ތެރޭގަ އެވެ. ވިހި ވަނަ ފަހަރަށް ޔުނައިޓެޑުން ޕްރިމިއާ ލީގު ތަށި ކާމިޔާބުކުރީ ވިޑިޗްގެ ކެޕްޓަންކަމުގެ ދަށުންނެވެ.