22 Feb 2014, 11:08
ކުނި މެނޭޖްކުރުމުގެ ގަވާއިދު ވުޖޫދަށް އައުމާއެކު އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ފަށައިފި އެވެ.
ކުނި މެނޭޖްކުރުމުގެ ގަވާއިދަށް މިމަހުގެ ފަސްވަނަ ދުވަހު އަމަލުކުރަން ފަށާފައިވާއިރު މިއަދު އީޕީއޭ އިން ފެށި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި އެބޭފުޅުން ބޮޑަށް އިސްކަންދެއްވާނީ މާރުކޭޓް ސަރަހައްދާއި ހާބަރު ސަރަހައްދާއި އެހެންވެސް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝާހު ވިދާޅުވި އެވެ.
އެގޮތުން އެ ގަވާއިދަށް މިހާރު އަމަލުކުރުމަށް ފަށާފައިވާ ކަމަށާއި ގަވާއިދުގެ ދަށުން މަގުމަތި، މޫދު، ފަޅުތެރެ، އަދި ޕާކް ފަދަ ތަންތަނަށް ކުނިއެޅުމާއި ފިހާރަ ފަދަ ތަންތަނުގެ ދުވާރުމަތީގައި ޕެލެޓް ބަހައްޓައިގެން އޭގެ މައްޗަށް ފިގާރައިން ޖަމާވާ ކުނި އެޅުމަކީ މުޅިން މަނާކަމެއް ކަމަށް އީޕީއޭ އިން ދަނީ ފިހާރަތަކުގެ އިސް ފަރާތްތަކަށް އަންގަމުންނެވެ. އަދި އެގޮތަށް އަމަލު ކުރާނަމަ ކޮންމެ ފަހަރަކު 500 ރުފިޔާ އިން ޖޫރިމަނާ ކުރާނެކަމަށް އެ މިނިސްޓްރީ އިން އެފަރާތްތަކަށް އަންގައި ގަވާއިދަށް އަމަލުކުރުމަށް ދަނީ ނަސޭހަތްތެރި ވަމުންނެވެ.
"މިއަދުގެ ޕްރޮގްރާމްގައި އަޅުގަނޑުމެން (އީޕީއޭ)ގެ ބޭފުޅުން މާލޭގެ އެކިއެކި ފިހާރަތަކަށާއި ރެސްޓޯރެންޓްތަކަށް ޒިޔާރަތް ކުރައްވާނެ. އޭގެ ތެރޭގައި ބަޒާރުމައްޗާއި ހާބަރު ފަދަ ވިޔަފާރިތަށް ހިންގާ ތަންތަނަށް އިސްކަން ދޭނެ. އަދި ކުނިމެނޭޖް ކުރުމާ ބެހޭ މައުލޫމާތު އެތަންތަނުގެ ބޭފުޅުންނަށް އަރުވާ ގަވާއިދުގައިވާ ޖޫރިމަނާ ނުވަތަ ގަވާއިދަށް އަމަލު ކުރަންޖެހޭ ގޮތުގެ މައުލޫމާތު ވެސް އެބޭފުޅުންނަށް އަރުވާނެ." ޝާހު ވިދާޅުވި އެވެ.
ޝާހު އިތުރަށް ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ކުނި މެނޭޖްކުރުމުގެ ގަވާއިދަށް އާންމުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭކަމަށެވެ. އެގޮތުން ކުނި ޖަމާކޮށްފައި ހުންނަ ތަންތަނާ ބެހޭގޮތުން އީޕީއޭ އަށް އާންމުންގެ ފަރާތުން ވަރަށް ގިނަ މައުލޫމާތުތަށް ލިބެމުންދާ ކަމަށެވެ.