22 Feb 2014, 10:56
މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ އެކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ. ރޫނީއާ އެކު އެއްބަސްވުމަށް އާދެވުނުކަން ޔުނައިޓެޑުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ދާދި ފަހުން ނެރުނު ރިޕޯޓްތަކުން ބުނާ ގޮތުގައި ރޫނީ އަށް ހަފްތާއަކު ތިން ލައްކަ ޔޫރޯ ދިނުމަށް ޔުނައިޓެޑުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ޔުނައިޓެޑުން މިހާރު ވަނީ އެކްލަބްގައި ރޫނީ މަޑުކުރުމަށް އެއްބަސްވެ، އޭނާ ރިޓަޔާކުރުމުން ކްލަބް އެމްބެސަޑަރުކަން ވެސް ދޭގޮތަށް އެއްބަސްވެފަ އެވެ.
"ޔުނައިޓެޑްގައި މަޑުކުރުމަށް އަހަރެން ނިންމައިފިން." ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އުމުރުން 28 އަހަރުގެ ރޫނީ ބުނެފައި ވެ އެވެ. "އަންނަ އޮގަސްޓް މަހު ޔުނައިޓެޑަށް އަހަރެން ކުޅޭތާ ދިހަ އަހަރު ވާނެ. ފުރަތަމަ އަހަރެން ޔުނައިޓެޑަށް ސޮއިކުރި އިރު، ހާސިލްކުރަން ބޭނުންވި ހުރިހާކަމެއް ވަނީ ކާމިޔާބުކުރެވިފައި. މިހާރު އަހަރެންނަށް ސީނިއާ ކުޅުންތެރިއެއްގެ ގޮތުން ޒުވާން ކުޅުންތެރިންނަށް އެހީތެރިވެވިދާނެ."
ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކުރުމަށް ފަހު، ރޫނީ އަށް ދިން ހިތްވަރަށް އެކްލަބުގެ ކޯޗް ޑޭވިޑް މޮއެސް އަދި އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މިދިޔަ ސީޒަނަށް ފަހު، 2004 ވަނަ އަހަރު އެވަޓަން އިން ޔުނައިޓެޑާއި ގުޅުނު ރޫނީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެއް ކްލަބަކީ ވާދަވެރި ޗެލްސީ އެވެ. މިދިޔަ ސީޒަންގައި ޓީމުން ގިނަ ފުރުސަތުތަކެއް ނުލިބުމުން އޭރު ރޫނީގެ ވިސްނުން ހުރީ ޔުނައިޓެޑް ދޫކޮށްލުމަށެވެ.