19 Dec 2010, 04:21
ހެއިޓީގައި ކޮލެރާ ފެތުރޭން ދިމާވި ސަބަބެއް ތަހްގީގްކުރުމަށްޓަކާ އދ. އިން މިނިވަން ކޮމިޓީއެއް އެކުލަވާލައިފި އެވެ. އދ. ބުނީ ހެއިޓީގައި ކޮލެރާ ފެތުރުމަށް މެދުވެރިވި ސަބަބު ދަނެގަންނަން ޖެހިފައިވާ ކަމުގަ އެވެ. ނަމަވެސް މިފަދަ ކޮމިޓީއެއް އެކުލަވާލައި މިކަން ބެލުމަށް އދ. ން ނިންމީ މިމައްސަލާގައި އދ. އަށް ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒުވުމުންނެވެ. ހެއިޓީގައި ކޮލެރާގެ ބަލިބަޑުކަން ފެތުރިގެން ދިޔައީ، އެޤައުމުގައި ހަރަކާތްތެރިވާ އދ. ގެ ސުހްލައިގެ ފައުޖުތަކުގައި ހިމެނޭ ދެކުނު އޭޝިއާގެ ބައެއް ޤައުމުތަކަށް ނިސްބަތްވާ ސިފައިންނަށް މިބަލިޖެހުމާ ގުޅިގެން ކަމަށް އެޤައުމުން ތުހުމަތު ކުރެ އެވެ. ނަމަވެސް އދ. އިން ދިޔައީ، މިކަމަށް އިންކާރު ކުރަމުންނެވެ. ހެއިޓީގައި އޮކްޓޯބަރ މަހު މިބަލި ފެތުރެން ފެށިފަހުން މިހާތަނަށް މިބަލީގައި 2000 މީހުން މަރުވެ އިތުރު 1000 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ. މިހާރުވެސް އެތަށް ހާސްބަޔަކަށް ދަނީ ފަރުވާދެމުންނެވެ.