ކުރީގެ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝަފީއު ސައިރިކްސް އެގްޒެކަޓިވް ޑިރެކްޓަރު، އިންސިޓިއުޝަނަލް ޑެވޮލަޕްމަންޓްގެ މަގާމަށް އައްޔަންކޮށްފި އެވެ.

ޝަފީއުއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި އަދި ސަރުކާރުގެ އިސް ގިނަ ވަޒީފާތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

މިހާރު ވެސް ޝަފީއުއަކީ ސަރުކާރުގެ ބައެއް ކޮމެޓީތަކާއި ކައުންސިލްތަކާއި ބޯޑުތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

"އެޑިއުކޭޝަން އެންޑް ޓްރެއިނިން ކޮންސަލްޓަންޓްސް" (އީޓީސީ) އަކީ ޝަފީއު އުފެއްދެވި ތަނެކެވެ.


ސައިރިކްސް ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ޝަފީއު އައްޔަން ކުރުމުން އެ ކޮލެޖުގެ ޑީން އިބްރާހިމް ވަހީދު ވިދާޅުވެފައި ވަނީ ޝަފީއުއާ އެކު ސައިރިކްސް ކޮލެޖުން ގިނަ ކާމިޔާބީތަކެއް ހާސިލު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައިވާ ސައިރެކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު މިއަދު ސަން އަށް ވިދާޅުވީ އެ ކޮލެޖު ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.