ސައުދީ ކްރައުން ޕްރިންސް ސަލްމާން ބިން އަބުދުލް އަޒީރު ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް ވަޑައިގަންނަވާތީ ތިން ރިޒޯޓަކަށް އައުމަށް އެހެން ޓޫރިސްޓުން ހަދާފައިވާ ބުކިންތައް ކެންސަލްކޮށްފައިވާ ކަމުގެ ވާހަކަތައް އަނެއްކާ ވެސް ފެތުރިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުނީ އަނަންތަރާ ވެލި ރިޒޯޓްގައި ޗުއްޓީ ހޭދަކުރުމަށް ބުކިން ހަދާފައިވަނިކޮށް، ކުއްލިއަކަށް ކެންސަލް ކުރުމުން ބައެއް ޓޫރިސްޓުން ނުރުހިފައިވާ ކަމަށެވެ. ނަމަވެސް އެނޫހުން އެހަބަރު ގެނައުމުގައި މާ އިތުބާރު ހިފޭ ފަރާތަކާ ހަވާލާދީފައެއް ނުވެއެވެ.

އެނޫހުން ބުނެފައި ވަނީ ޓްރެވެލް ވެބްސައިޓެއް ކަމަށްވާ ޓްރިޕް އެޑްވައިޒަރުގައި މީހަކު އެކަމާ ހިތްހަމަ ނުޖެހިގެން ލިޔެފައިވާ ކަމަށެވެ. ދެން ލިޔެފައި ވަނީ ސައުދީ ޕްރިންސްގެ ދަތުރުފުޅާ ގުޅިގެން ތިން ރިޒޯޓެއް މުޅިން ބަންދުކޮށްފައިވާ ކަމަށް ރާއްޖޭގެ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް ފައިނެސްޓް ޑޮޓް ކޮމް ގައި ކުރިން ލިޔެފައިވާ ވާހަކަތަކެވެ. އެ ވެބްސައިޓްގައި ކުރިން ލިޔެފައި ވަނީ ޕްރިންސް ސަލްމާނުގެ ޗުއްޓީ ދަތުރުފުޅަށް ހާއްސަކޮށްގެން ލަގްޒަރީ ޔޮޓަކާއި ފްލޯޓިން ހޮސްޕިޓަލަކާއި 100 ގާޑުން ރާއްޖެ އަންނަ ކަމަށެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރައް ވާނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ޑެއިލީމެއިލްގެ ހަބަރުގައި ބުނެފައި ވަނީ ޕްރިންސް ސަލްމާން ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލްގައްޔޫމުގެ ދައުވަތަކަށް ކަން އެނޫހަށް އެނގިފައިވާ ކަމަށެވެ. އެނޫހަށް އެކަން ކަށަވަރުކޮށްދިނީ ސައުދީ ފޮރިން މިނިސްޓްރީން މިމަހުގެ ކުރީކޮޅުގައި ކަމަށެވެ.