ކިޔޭވް (ފެބްރުއަރީ 22): ޔުކްރޭންގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނަސް ގައުމުގައި ސުލްޙަ ގާއިމް ކުރުމަށް ޓަކައި ރައީސް ވިކްޓަރ ޔަނަކޮވިޗް އާއި އިދިކޮޅު ލީޑަރުން އެއްބަސްވުމަކަށް އައި ނަމަވެސް ކިޔޭވްގެ އިސްތިގްލާލް މައިދާނަށް ޖަމާވެފައިވާ އިދިކޮޅު ފަރާތްތައް އެމައިދާން ދޫކޮށްދިޔުމަށް ދެކޮޅުހަދަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުލްހައިގެ އެއްބަސްވުމަށްފަހު ވެސް އިދިކޮޅު ފަރާތްތައް އިސްތިގްލާލް މައިދާން ހިސާރުކޮށްގެންތިބީ ރައީސް ޔަނަކޮވިޗް އަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނެވެ. ޔުކްރޭނަށް ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިޙާދުގެ ވަފްދު މެދުވެރިއަކަށްވެގެންއެގައުމުގެ ރައީސް ވިކްޓަރ ޔަނަކޮވިޗް އާއި އިދިކޮޅު އެންމެއިސް ތިންލީޑަރުންނާ ދެމެދު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ދެފަރާތުން ވަނީ ހަމަނުޖެހުންތައް ނިމުމަކަށް ގެނަސް ގައުމުގައި ސުލްޙަ ގާއިމް ކުރުމަށް އެއްބަސްވެފަ އެވެ.

މިއެއްބަސްވުން ބިނާވެފައި ވަނީ އައު ބޮޑުވަޒީރެއްގެ ދަށުން ޔުކްރޭންގައި އައުސަރުކާރެއް އެކުލަވާލުމާއި މިއަހަރު ނިމޭހިސާބު ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ މައްޗަށެވެ. ޔުކްރޭނަށް ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިޙާދުގެ ވަފްދުގައި ހިމެނެނީ ޕޮލެންޑާއި ފަރަންސޭސިވިލާތާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުންނެވެ.

ހުޅަނގުގެ ތާއީދު ލިބިފައިވާ ޔުކްރެއިންގެ އިދިކޮޅު ފަރާތްތަކާއި އެގައުމުގެ ސަރުކާރާ ދެމެދު މިދިޔަ ބުދަދުވަހުގެ ރޭގައި ވެފައިވާ ސުލްހައިގެ ވަގުތީ އެއްބަސްވުން ރޫޅި އެގައުމުގައި މިދިޔަ ބުރާސްފަތި ދުވަހުވަނީ ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގައި 24 މީހުން މަރުވެފަ އެވެ. ބުރާސްފަތި ދުވަހުގެ ކުރިމަތިލުންތައް ހިނގާފައި ވަނީ މިހަފްތާގެ ކުރީކޮޅު ކިޔޭވްގައި ހިނގި ކުރިމަތިލުންތަކުގައި 26 މީހުން މަރުވުމާ ގުޅިގެން ސުލްޙަ ޤާއިމުކުރުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައި ވަނިކޮށެވެ. މިއާ އެކު ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމިކަން ޔޫރަޕްގެ އިއްތިޙާދުން ވަނީ އިޢްލާންކޮށްފަ އެވެ. ޔޫރަޕްގެ ދަތިކުރުމުގެ މިފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ޔުކްރޭންގެ މަސްއޫލުވެރިން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެއްވުމުގެ ވިސާ ނުދިނުމާއި ޔޫރަޕްގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒް ކުރުންފަދަ ފިޔަވަޅުތައް ކަމަށްވެ އެވެ.

ޔުކްރޭންގެ ސަރުކާރުން ވަނީ ހުޅަނގުގެ މަދަދުލިބިފައިވާ ޔުކްރޭންގެ ހަރުކަށި ފަރާތްތަކުން ހިންގަމުން ގެންދާ ޓެރަރިޒަމްގެ ޢަމަލުތަކަށް ދޫނުދޭނެކަމުގެ އިންޒާރު ދީފަ އެވެ. ހުޅަނގުގެ މަދަދު ލިބިފައިވާ ހަރުކަށި ފަރާތްތަކުން ޔުކްރޭންގައި މިދިޔަ ހަފްތާގައި ހިންގި ހަމަނުޖެހުންތަކުގައި ޖުމްލަ 75 މީހުން މަރުވެފައިވާ އިރު ހަރުކަށި ފަރާތްތަކުން ވަނީ 76 ފުލުހުން ވެސް ވަގަށްނަގާފަ އެވެ. (ރޮއިޓާސް)