22 Feb 2014, 09:53
ރޯމް (ފެބްރުއަރީ 22): އިޓަލީގެ ބޮޑުވަޒީރު ކަމަށް އިޚްތިޔާރު ކުރައްވާފައިވާ މެތިޔޯ ރެންޒީ އޭނާގެ ސަރުކާރުގެ ކެބިނެޓް އިޢްލާން ކުރައްވައިފި އެވެ.
އިޓަލީގެ އައު ސަރުކާރުގެ އޮނިގަނޑު ރައީސް ޖޯޖިޔޯ ނަބޮލިތާނޫ އަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ރެންޒީ ވިދާޅުވީ މިއަދުގެ ވަގުތެއްގައި ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނެކަމުގަ އެވެ. އައު ސަރުކާރުގެ ކެބިނެޓް، ރައީސް ޖޯޖިޔޯ ނަބޮލިތާނޫ އަށް ހުށަހެޅުއްވުމަށް ޓަކައި ރެންޒީ ވަނީ ތިން ގަޑިއިރުވާންދެން ރިޔާސީ ގަނޑުވަރުގައި ނަބޮލިތާނޫއާ މަޝްވަރާކުރައްވާފަ އެވެ.
އުމުރުން 39 އަހަރުގެ ރެންޒީގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލާފައި ވަނީ އިސްތިއުފާ ދެއްވި ރައީސް އެންރީކޯ ލިޓާގެ ސަރުކާރު ވެސް ނިސްބަތްވި ވެރިކަންކުރާ ކޯލިޝަން ޕާޓީތަކުން ހޮވާލާފައިވާ ބޭފުޅުންގެ މައްޗަށެވެ. މިކޯލިޝަންގެ މައިޕާޓީއަކީ ރެންޒީ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީ އެވެ. އިޓަލީގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތީ ވެރިކަންކުރާ މެދުމިނުގެ ކަނާތުފިޔައިގެ ކޯލިޝަން ޕާޓީތަކަށް ކަމަށް ވިޔަސް ރެންޒީއާއި އޭނާގެ ކެބިނެޓް މަގާމުގެ ހުވާކުރެއްވުމަށް ފަހު އައު ސަރުކާރަށް ތާއީދުއޮތްތޯ ބެލުމަށް ޕާލަމެންޓަށް ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ.
އިޓަލީގައި ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރެންޒީއާ ހަވާލުކުރައްވާފައި މިވަނީ އިޓަލީގެ ބޮޑުވަޒީރުކަމުގައި ހުންނެވި އެންރީކޯ ލިޓާ މިމަހުގެ 14 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ލިޓާ ގެ ވެރިކަމަށް އަހަރެއް ވެސް ނުވަނީސް ލިޓާ މަގާމުން އިސްތިއުފާ ދެއްވީ އޭނާ ބޮޑުވަޒީރުކަމުގައި ދެމިހުންނެވުމަށް އެ ޕާޓީގެ ތާއީދުނެތުމުންނެވެ.
އިޓަލީގެ އައު ސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާ ރެންޒީ އަކީ އިޓަލީ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން ސަލާމަތް ކުރުމަށްޓަކައި އިސްލާޙީ އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ. މިގޮތުން ރެންޒީގެ ސަރުކާރުގެ މައި އަމާޒަކަށްވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިޓަލީގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތަކުން އަރައިގަތުމަށް މަސައްކަތްކުރުން ކަމަށް ވަނީ ބެލެވިފައެވެ. (ރޮއިޓާސް)