22 Feb 2014, 09:31
އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް އެހީތެރިވެދެ އެވެ. ތަރައްގީ އާއި ގައުމީ ސަލާމަތާއި ޑިމޮކްރަސީގެ ދާއިރާ ފަދަ ހުރިހާ ދާއިރާއަކުންނެވެ. ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވީއްސުރެ އެކަން އޮތީ އެހެންނެވެ. އިންޑިއާ އިން އަބަދުވެސް ބުނަނީ އެގައުމުން ރާއްޖެއާ މެދު ހާއްސަ ގޮތަކަށް ދެކޭ ކަމަށެވެ. އެއީ ގާތް އަވަށްޓެރިއެއް ކަމަށް ވާތީ ކަމަށެވެ. އަދި ނަސްލީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ގާތް ގުޅުންތަކެއް އޮތް ގައުމަކަށް ވާތީ ކަމަށެވެ.
އިންޑިއާގެ އެފަދަ ހިތްހެޔޮކަމާ އެކު ރާއްޖެ އަށް ވެދޭ އެހީތެރިކަމުގެ އަގު ދާދި ފަހަކާ ޖެހެންދެން ވެސް ދިވެހިން ވަޒަން ކުރި އެވެ. އެގައުމާ މެދު ދެކުނީ ކަމެއް ޖެހޭ ކޮންމެ ފަހަރަކު އެހީތެރިކަމަށް އެދި ގޮވާލަން ހުރި "ބޮޑުބޭބެ"އެއް ފަދައިންނެވެ.
ނަމަވެސް އެ އެހީތެރި ކަމުގެ މަގުސަދާ މެދު ސުވާލު އުފެދޭ ފަދަ ދުވަސްވަރެއް ފާއިތުވެ ހިނގައްޖެ އެވެ. އެއީ އިންޑިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޖީއެމްއާރަށް ރާއްޖޭން ލިބުނު ކެއްސަކާ ގުޅިގެން އެގައުމުން ކުރިމަތި ކުރި ފިއްތުންތައް ކުރިމަތި ކުރި ދުވަސްވަރެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖީއެމްއާރު ރާއްޖޭން ފޮނުވާލުމުން އިންޑިއާ އިން ގިނަ ފިއްތުންތަކެއް ކުރިމަތި ކުރި އެވެ. ނަމަވެސް އެކަމަށް އެގައުމުން އޭރު ސީދާ ގޮތެއްގައި އެއްބަހެއް ވެސް ނުވެ އެވެ. އެކަން މިހާރު އެއީ މާޒީ އެވެ. މިހާރު މިވަނީ ދެގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިފަ އެވެ. އޭރު ކުރިމަތިކުރި ފިއްތުންތައް އިންޑިއާ އިން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
ވީސާ ހޯދުމުގައި ކުރިމަތިކުރި ދަތިތައް ހަމަ އެކަނި ނައްތާލީއެއް ނޫނެވެ. ކުރިން އޮތް ވަރަށް ވުރެ ވެސް ފަސޭހަކޮށްދިނީ އެވެ. ހިލަޔާއި ހިލަވެލި ރާއްޖެ އަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ވެސް ވަނީ އަލުން ދީފަ އެވެ. އޭގެ އިތުރުން އެގައުމުން ވަނީ އެހީގެ ބޮޑު ޕެކޭޖެއް ވެސް ރާއްޖެއަށް ދީފަ އެވެ. އެހެންވީމާ ދެން އިންޑިއާއާ މެދު އެކި އެކި ވަހުމްތައް ހިތަށް ވެއްދުމުގެ ބޭނުމެއް ނެތޭ މީހުންނަށް ހީވެދާނެ އެވެ.
ނަމަވެސް އިންޑިއާ އިން ދައްކާ ވާހަކަތަކުން އަދިވެސް ގިނަ ސުވާލުތަކެއް އެބަ އުފެދެ އެވެ. މިދިޔަ ހަފުތާގައި ރާއްޖެ އަށް ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ޚޫރުޝީދު ވަނީ އެފަދަ ގިނަ ވާހަކަފުޅުތަކެއް ދައްކަވާފަ އެވެ.
ޚޫރުޝީދު ވިދާޅުވި އެފަދަ އެއް ވާހަކަފުޅަކީ ސަރަހައްދީނޫން ބާރުތަކުން މިސަރަހައްދަށް ޝައުގުވެރިކަން ބޮޑުވުމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ވާހަކަ އެވެ.
"... ސަރަހައްދުން ބޭރުގެ ބާރުތަކުގެ ޝައުގުވެރިކަން ބޮޑުވަމުންދާތީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ އޮއިވަރު އަންނަނީ ވަރަށް ހަލުވިކަމާ އެކު ބަދަލުވަމުން. އަޅުގަނޑުމެންގެ ދެގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އެއްބާރުލުމާއި ގުޅިގެން ކުރާ މަސައްކަތްތަކުން މި ގޮންޖެހުންތަކަށް ހައްލެއް ހޯދަން ޖެހޭ،" އިންޑިއާ ސަރުކާރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް)އަށް ހަދިޔާކުރި ލޭންޑިން ކްރާފްޓް ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ޚޫރުޝީދު ވިދާޅުވި އެވެ.
ޚޫރުޝީދުގެ ވާހަކަފުޅުގައި ވިދާޅުވެފައި އެވާ ސަރަހައްދުން ބޭރުގެ ބާރުތަކަކީ ޗައިނާއާއި އެމެރިކާގެ ވާހަކަ ކަމަށް ބެލެވެ އެވެ. މިސަރަހައްދުން ބޭރުން ރާއްޖެއާ މިހާރު ގާތް ގުޅުމެއް އެ ދެ ގައުމުން ބާއްވަ އެވެ. އެގޮތުން އެމެރިކާ އިން ރާއްޖެ އަށް ހުށައެޅި ސްޓޭޓަސް އޮފް ފޯސް އެގްރީމެންޓް (ސޯފާ) އަށް ރާއްޖޭން އިޖާބަ ނުދިނީ އިންޑިއާއި ސްރީލަންކާގެ ކަންބޮޑުވުންތައް އެކަމުގައި އޮތީމާ ކަމަށް ދިވެހި ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
އަނެއް ގައުމަކީ ޗައިނާކަން އެނގޭ ފަދަ ވާހަކަފުޅެއް ޚޫރުޝީދު ވަނީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ކުޑަދުވަސްކޮޅެއް ކުރިން ދައްކަވާފަ އެވެ. އިންޑިއާ ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ ރާއްޖެ ހިމެނޭ ގޮތުން އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާގެ ބައިވެރިވުން އިތުވަމުން އަންނަތަން އިންޑިއާ އިން ބަލަން އޮތް ކަމަށެވެ.
"އިންޑިއާ އަށް އެނގޭ ޗައިނާ އިން ދަނީ އަވަށްޓެރި ގައުމުތަކުގެ އުމްރާނީ ތަރައްގީގެ މަޝްއޫރުތަކުގައި ބައިވެރިވަމުން ކަން. އެގޮތުން ލަންކާ، ބަންގްލަދޭޝް އަދި މިޔަންމާގެ ތަރައްގީގެ ޕްރޮޖެކްޓްތަކަށް އަންނަނީ އެހީތެރިވަމުން. އަދި ނޭޕާލުގައި އައިޓީ އާއި ހައިޑްރޯއިލެކްޓްރިކް ޕްރޮޖެކްޓްތަކުގައި އަންނަނީ ބައިވެރިވަމުން. ދިވެހިރާއްޖޭގެ ހައުސިންގް ޕްރޮޖެކްޓްތަކުގައި ބައިވެރިވެ ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮޖެކްޓްގައި ވެސް ޗައިނާ އިން އަންނަނީ ބައިވެރިވަމުން،" ހޫރްޝީދު އޭރު ވިދާޅުވެފައިވެ އެވެ.
އެހެންވީމާ ސަރަހައްދުން ބޭރުގެ ބާރުތަކުގެ ޝައުގުވެރިކަން ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެއް ކަމަށް ޚޫރުޝީދު އެ ވިދާޅުވި ވާހަކަފުޅަކީ ޗައިނާއާ އެމެރިކާ އަށް ނިސްބަތްކުރައްވައި ދެއްކެވި ވާހަކަފުޅެއްކަން ވަރަށް ބޮޑަށް އެބަ ސާފުވެ އެވެ. ހަމަ އެއާ އެކު ދެން ވިދާޅުވެފައި އެވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް އިތުބާރާއި އެއްބާރުލުމުގެ ތެރެއިން އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ރާއްޖެއަށް އެހީތެރި ވެދިނުމަށް ފަހު ރާއްޖޭގެ ފަރާތުން އިންޑިއާ ބޭނުންވާ އެއްކަމަކީ ރާއްޖޭގެ ކަންކަމުގައި އެހެން އެއްވެސް ގައުމަކަށް ވުރެ އިސްކަން އެގައުމަށް ދިނުން ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
އިންޑިއާ އިން ބޭނުންވާ ދެވަނަ ކަމެއް ކަމަށް ޚޫރުޝީދުގެ ވާހަކަފުޅުތަކުން ދޭހަވަނީ ހަމަ އެއްކަލަ ޖީއެމްއާރުގެ މައްސަލަ އަވަސްގޮތަކުން ހައްލުކުރުމެވެ. ޖީއެމްއާރުގެ ނަން ސީދާ ވިދާޅު ނުވިޔަސް އޭނާ ވަނީ ވަރަށް ސީދާ ގޮތެއްގައި އެވާހަކަ ވިދާޅުވެފަ އެވެ.
ވިދާޅުވީ "ނުނިމި ހުރި މައްސަލަތައް ހައްލުވޭތޯ ބަލަން އިންޑިއާގެ އިންވެސްޓަރުން ތިބި" ކަމަށެވެ.
"... އަޅުގަނޑުމެންގެ ވިޔަފާރިވެރިން ތިބީ ރާއްޖޭގައި އިންވެސްޓްކުރަން ވަރަށް ޝައުގުވެރިވެފައި، އަދި ތިބީ މައްސަލަތައް ހައްލުވެ، ރައީސް ޔާމީން ފާހަގަކުރެއްވި ގޮތަށް މަސައްކަތް ކުރެވޭ ފަދަ މާހައުލެއް އުފެދޭތޯ ބަލަން،" ޚޫރުޝީދު ވިދާޅުވި އެވެ.
އެހެން ވިދާޅުވި އިރު ރާއްޖޭގައި މައްސަލައެއް ދިމާވެގެން އުޅޭ އިންޑިއާގެ އެންމެ ބޮޑު އިންވެސްޓަރަކީ ޖީއެމްއާރެވެ. ޓާޓާ ހައުސިންއަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް ހައްލު ނުވާ ވަރުގެ މައްސަލައެއް ނެތެވެ.
މައްސަލަތައް ހައްލުވޭތޯ ބަލަން ވިޔަފާރިވެރިން ތިބި ކަމަށް ވިދާޅުވުމުގެ ކުރިން ޚޫރުޝީދު ވިދާޅުވީ ދިވެހިންނަށް ފަސޭހައިން އިންޑިއާ އަށް ދަތުރުކުރެވޭނެ ގޮތެއް ހެދުމަށް ވިސާ ފްރީކޮށްދީފައިވާ ވާހަކަ އެވެ. އަދި އިންޑިއާ އިން ހިލަޔާއި ހިލަވެލި ގެނައުމުގެ މައްސަލައަށް އެޑްރެސްކޮށްފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"... ދިވެހިން އިންޑިއާއަށް ދަތުރުކުރުން، ހާއްސަކޮށް ބޭސް ފަރުވާއަށާއި ޓޫރިޒަމްގެ ބޭނުންތަކަށް އަޅުގަނޑުމެން ވަނީ ވިސާ ފްރީ ރެޖީމެއް ތައާރަފްކޮށްފައި. ހިލަޔާއި ހިލަވެލި އެކްސްޕޯޓްކުރުމުގެ މައްސަލައަށް ވެސް ވަނީ އެޑްރެސްކޮށްފައި. ޕެޓްރޯލިއަމްގެ އުފެއްދުންތައް [ތެލުގެ ބާވަތްތައް] އެކްސްޕޯޓް ކުރުމާ މެދު ދަނީ ވިސްނަމުން،" ޚޫރުޝީދު ވިދާޅުވި އެވެ.
އިންޑިއާގެ އެންމެ އިސް ޑިޕްލޮމޭޓްގެ މިވާހަކަފުޅުތައް އެއްތަނަކަށް ޖަމާކޮށް ވިސްނާލުމުން އެގައުމުން ބޭނުންވާ ކަންތައް ވަރަށް ބޮޑަށް އެބަ ސާފުވެ އެވެ. އެބުނާ ވާހަކަ ވެސް އެހާ ސާފުވެ އެވެ.
އޭނާ އެވިދާޅުވަނީ ރާއްޖޭން އެދުނު ކަންތައްތައް އިންޑިއާ އިން ކޮށްދިނުމުން އެގައުމު ބޭނުންވާ ކަންތައްތައް ރާއްޖޭން ކޮށްދޭން އެދޭ ވާހަކަ އެވެ. އަދި އެކަންތައްތަކަކީ ސަރަހައްދީ ބާރެއްގެ ގޮތުގައި އިންޑިއާ އޮތުމަށް ރާއްޖޭން އެއްބާރުލުން ދިނުމާއި ޖީއެމްއާރު މައްސަލަ ހައްލުކޮށްދިނުމެވެ.
އެހެންވީމާ އެގައުމުން ވެދޭ އެހީތަކަކީ އަވަށްޓެރި އަދި އެކުވެރި ގައުމަކަށް ވާތީ ރާއްޖެ އަށް ހަމަ ހިލޭ ކޮށްދޭ ކަންތައްތަކެއްތޯ ނުވަތަ ރާއްޖޭން ވަކި ކަންތައްތަކެއް ހާސިލުކުރަން އެދިގެން ކޮށްދޭ ކަންތައްތަކެއްތޯ އެބަ ސުވާލު އުފެދެ އެވެ.