22 Feb 2014, 00:37
ސުލްހަ މަސްލަހަތު ގާއިމުވެފައި އޮވެގެން ނޫނީ، އިގުތިސާދު ކުރިއަރައިގެން ނުދާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ސަން ސިޔާމްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިރުފުށި އައިލެންޑް ރިސޯޓްގެ ނަން ސަން ސިޔާމް އިރުފުށި އައިލެން ރިސޯޓްގެ ނަމަށް ރީ ބްރޭންޑް ކުރުމަށް ފަހު މިރޭ އެ ރިސޯޓުގައި ބޭއްވި ރަސްމިޔާތުގައި ސިޔާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާން ބޭނުން ކަމަށްވާނަމަ އެންމެންވެސް ސުލްހަ މަސްލަހަތަށް ލޯބިކުރަން ޖެހޭނެ ކަމަށެވެ. އަދި ރައްޖެ އަންނަ ފަތުރުވެރިން "ހެއްވާލާފައި" ނޫނީ ފޮނުވާލައިގެން ނުވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުން ސުލްހަ މަސްލަހަތަށް ލޯބިކުރަން ޖެހޭނެ. ބޭރުން އަންނަ މެހެމާނުނަށް ކަމޭ ހިތަން ޖެހޭ. އެމީހުން ހެއްވާލާފައި ނޫނީ ބޭރަށް ފޮނުވާލައިގެން ނުވާނެ. އެހެން ވެއްޖެ ކަމަށްވާނަމަ އަޅުގަނޑުމެން ރާއްޖެ އޮންނާނީ އަބަދުވެސް ސުރުގެއަކަށްވެފައި،" ސިޔާމް ވިދާޅުވި އެވެ.
ވިޔަފާރިއެއް ފެއްޓެވީ، އަތުގައި ފައިސާތަކެއް ހުރެގެން ނޫން ކަމަށާއި ކަމެއް ހާސިލް ކުރުމަށް މާގިނަ މުއްދަތުތަކެއް ބޭނުން ނުވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެހެން ނަމަވެސް ބޭނުންވަނީ ކަމެއް ފެށުމަށްފަހު އެކަމެއް ހާސިލް ވަންދެން ތެދުވެރިކަމާއިއެކު މަސައްކަތް ކުރުން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ސަން ސިޔާމް ވިޔަފާރި މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ރާއްޖޭގައި ކޮންމެ ދިވެއްސަކަށްވެސް ކުރިއެރުމުގެ ފުރުސަތުތައް އޮތްކަން ދޭހަ ކޮށްދޭ ކަމަށް ސިޔާމް ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްގެ އިތުރުން ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބައިވެރިވެވަޑައިގެންނެވި އެވެ.