22 Feb 2014, 00:17
ބައެއް ރިސޯޓްތަކުގެ ހިއްސާ އެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުނަށް މިއަހަރު ވިއްކަން ފަށާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަން ޓްރެވަލްގެ ނަން ސަން ސިޔާމްގެ ނަމަށް ރީބްރޭންޑް ކުރުމަށް ފަހު މިރޭ ސަން ސިޔާމް އިރުފުށި އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް ރިސޯޓްތަކުގެ ހިއްސާ އެ ރިސޯޓެއްގެ މުވައްޒަފުނަށް ވިއްކުމަށް ބާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި މުވައްޒަފުނަށް ހިއްސާ ވިއްކާނެ ކަމުގެ ޔަގީންކަން ބައެއް ރިސޯޓްތަކުގެ ވެރިފަރާތުން އެމަނުފާނަށް ދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގެ ވައުދެއްގެ ގޮތުގައި އޮންނާނެ ޓޫރިޒަމް ދައިރާގައި މަސައްކަތްކުރާއިރު މިތަންތަނުގައި ހިއްސާއެއް ކޮންމެވެސް ވަރެއްގެ މިންވަރަށް ގަނެވޭނެ ގޮތް ތަނަވަސް ކޮށްދޭނަމޭ. ބައެއް ރިސޯޓްތަކުގައި އަޅުގަނޑު މިކަން ކުރަން ނިންމައިފިން. ރިސޯޓަތަކުން މިކަންކޮށްދޭނެ ކަމަށް އަޅުގަނޑަށް ކަށަވަރު ބަސްދީފައިވަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިއްސާ ގަންނަ މުވައްޒަފުނަށް ލިބިގެންދާނީ ހަމަ އެކަނި މުސާރައާއި އިނާޔަތެއްނޫން ކަމަށާއި އެމީހުނަށް އިންވެސްޓް ކުރާނެ ފުރުސަތުތައްވެސް މި ސަރުކާރުން ހޯދައިދެއްވާނެ ކަމަށެވެ. ނަމަވެސް މުވައްޒަފުނަށް ހިއްސާ ވިއްކުމަށް ނިންމާފައިވަނީ ކޮން ރިސޯޓުތަކަކުން ކަމެއް ރައީސް ޔާމިން ވިދާޅެއް ނުވެ އެވެ.
"ރާއްޖޭގެ މުއްސަނދި ކަމަކީ ޒުވާނުންނަށް އޭގެ ހިއްސާ ނޯންނާނެ ކަމަކަށްވާނަމަ ދެމެހެއްޓެނެވި ގޮތެއްގައި މިކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ވިދާޅުވެފައިވަނީ ރިސޯޓްތަކުގެ ހިއްސާ ރިސޯޓްތަކުގެ މުވައްޒަފުންނަށް ވިއްކުމަށް އެމަނިކުފާނު ބާރު އަޅުއްވާނެ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރާ ރިސޯޓްތަކުގެ ވެރިންނަށް ހާއްސަ އިނާޔަތްތައް ސަރުކާރުން ކަނޑައަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.