ދުވަހު ނޫސް ހަވީރުން ހޮވި މިދިޔަ އަހަރުގެ މޮޅުކު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝަފާގު (ދަގަނޑޭ)އަށް ހަވީރުގެ އެވޯޑު މިރޭ ހަވާލުކޮށްފި އެވެ.

ނިއު ރޭޑިއަންޓުގެ ކުރީގެ ފޯވާޑް މިހާރު ކުޅޭ މެލޭޝިއާގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ، ޕޮލިސް ޑި-ރާޖާ މެލޭޝިއާ (ޕީޑީއާރުއެމް)ގެ މުހިއްމު މެޗެއް އޮތުމުގެ ސަބަބުން ދިޔަ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި ދަގަނޑޭއަށް ބައިވެރިއެއް ނުވެވުނެވެ.

އެވޯޑުތައް ހަވާލުކުރުމުން ދަގަނޑޭ ބުނީ، "އެވޯޑް ހަފުލާގައި ބައިވެރި ނުވެވުނު ނަމަވެސް މިފަދަ ގޮތަކަށް ނަމަވެސް މިކަމުގައި ބައިވެރިވެވި އެވޯޑާ ހަވާލުވެވުމަކީ ބޮޑު އުފަލެއް" ކަމަށެވެ.

ކުރު ޗުއްޓީއެއްގައި މިވަގުތު މާލޭގައި ހުރި، ދަނގަޑޭއަށް އެވޯޑު ހަވާލުކުރުމަށް ސީހައުސް ބްރެސެރީގައި މިރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ހަވީރުން ވަނީ، މޮޅުކުޅުންތެރިޔާގެ އެވޯޑާއި، އެންމެ ގިނަ ގޯލްޖަހައިގެން ހޯދި ރަން ބޫޓުގެ އިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިކްސްޓިކްސް އިން އެކުލަވާލި މިދިޔަ އަހަރުގެ ދުނިޔޭގެ ލަނޑު ލިސްޓުގެ ދެ ވަނަ ހޯދާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދަގަނޑޭ އަށް ދޭ ހާއްސަ ފިލާވެސް ހަވާލުކޮށްފަ އެވެ.

ގައުމީ ޓީމާއި އަދި ޗެމްޕިއަން ނިއުރޭޑިއެންޓްގައި ވެސް ހުނަރުވެރި މޮޅު ކުޅުމެއް މިދިޔަ ސީޒަންގައި ދައްކާފައިވާ އުމުރުން 28 އަހަރުގެ ފޯވާޑު ދަނީ، މެލޭޝިއާގައިވެސް އޭނާގެ ފުޓްބޯޅައިގެ ޖާދޫ ދައްކަމުންނެވެ.