ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރާ ސްކައުޓް "ފައުންޑާސް ޑޭ" ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން މާލޭގެ ހަތަރު ސްކައުޓް ގްރޫޕަކުން އިސްނަގައިގެން ވިލިމާލޭގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

"ފައުންޑާސް ޗެލެންޖް 2014" ގެ ނަމުގައި ކުރިއަށް ގެންދަން ރާވާފައިވާ އެ ހަރަކާތްތައް ރާވައި އިންތިޒާމްކުރާ ކޮމެޓީގެ އެޑްވައިޒަރު ސައިފް އަޒްހަރު ވިދާޅުވީ އެ ހަރަކާތްތަކުގެ ބޭނުމަކީ މާލޭގެ ސްކޫލްތަކުގެ ހުރިހާ ސްކައުޓުން އެއްތަނަކަށް އެއްވެ އެކުދީންގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މުޖުތަމައުއަށް އެހީވުމުގެ ގޮތުން އެންމެން ގުޅިގެން ހަރަކާތެއް ހިންގުން ކަމަށެވެ.

އެގޮތުން މާލޭގެ ޣިޔާޒުއްދީން ސްކޫލް، އަރަބިއްޔާ ސްކޫލް، އަހްމަދިއްޔާ ސްކޫލް އަދި ވިލިމާލޭ މުހްޔިއްދީން ސްކޫލްގެ ސްކައުޓް ގްރޫޕްތަކާއި ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، "ސޭވް ދަ ބީޗް" އާއި ގުޅިގެން ހިންގާ އެ ހަރަކާތްތަކުގައި މާލޭގެ ހަތް ސްކޫލަކުންނާއި ރާއްޖެ ތެރޭގެ ސްކޫލަކުން ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ސްކޫލްތަކެއްގެ ކަބް ސްކައުޓުންނާއި ސްކައުޓުންނާއި ރޯވާ ސްކައުޓުންނާއި ލީޑަރުންގެ އިތުރުން ބެލެނިވެރިންވެސް ބައިވެރިވާނެ. އެގޮތުން ގާތްގަނޑަކަށް ދޮޅުހާހެއްހާ ބައިވެރިން އެ ހަރަކާތުގައި ބައިވެރިވާނެ." ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ މާދަމާ ހިންގާ ހަރަކާތްތަކުގައި ރާއްޖޭގައި އަލަށް ފާސްކުރި "މަގުމައްޗަށް ކުނި އެޅުން މަނާކުރާ ޤާނޫނަށް" އާންމުން ހޭލުންތެރި ކުރުމަށް ވިލިމާލޭގެ ހުރިހާ ގެއަކަށް ސްކައުޓުން ޒިޔާރަތްކޮށް މައުލޫމާތުދީ އެ ކަމާއި ގުޅޭގޮތުން ސާވޭއެއްވެސް ހެދުން އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އާއްމުން ހޭލުންތެރި ކުރުމުގެ މެސެޖްތަކެއް ހިފައިގެން ވިލިމާލޭގައި ރިލޭ އަކާއި މުހްޔިއްދީން ސްކޫލްގެ ބޭރު ފާރުގައި ތިމާވެށި ހިމާޔަތް ކުރުމުގެ މައްޗަށް ކުދިންގެ ޝުއޫރުތައް، އެކުދިން ލައްވާ ކުރެހުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށް ސައިފް ވިދާޅުވި އެވެ.

"ދުނިޔެ ހިމާޔަތް ކުރުމުގެ މައްޗަށް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން އެއް ފާރުގައި ކުރެހުންތަކެއް ކުރަހާނެ. އަދި ކުނިއެޅުމާ ބެހޭގޮތުން ކަބް ސްކައުޓުންވެސް ކުރެހުންތަކެއް ކުރަހާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްއާއި ފުލުހުންނާއި މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިތުރުން ވިލިމާލޭ ސިއްހީ މަރުކަޒުގެ އެހީތެރިކަމާ އެކީގައި ކުރިއަށްގެންދަން ރާވާފައިވާ އެ ހަރަކާތްތައް އޮންނާނީ މާދަމާ މެންދުރުފަހު 1:30 އިން ފެށިގެން ހަވީރު 5:45 އަށެވެ.

މާލޭގެ ސްކައުޓް ގްރޫޕްތަކެއް އިސްނަގައިގެން މާދަމާ ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާއިރު ޓުވެންޓީ ތާޑު މާލޭ ސްކައުޓް ގްރޫޕުންނާއި ގާލްގައިޑުން ގުޅިގެންވަނީ ވަނީ ސްކައުޓުން ފާހަގަކުރާ ފައުންޑާސް ޑޭ އާއި ގާލްގައިޑުން ފާހަގަކުރާ ތިންކިންޑޭ ފާހަގަކުރުމުގެ ގޮތުން "ދަ ވޯކް" ގެ ނަމުގައި ހާއްސަ ހިނގާލުމެއް މާދަމާ ބާއްވަން ނިންމާފަ އެވެ.