21 Feb 2014, 23:21
ޖުމްލަ 38 ފުޅި ބަނގުރަލާ އެކު އައްޑޫ ސިޓީ ފޭދޫއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 1:10 ގައި ކަމަށެވެ. އަދި ހައްޔަރުކުރި 21 އަހަރުގެ މީހަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެމީހުންނާއި އެކު ނުކަނޑާހުރި ތަފާތު 3 ބްރޭންޑެއްގެ 38 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދުގެ މުއްދަތު މަރަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އައްޑޫން ދެ މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފައިވާއިރު ކ. މާފުށީ ބަނދަރު ސަރަހައްދުގައި ބަނގުރާ ބޯން ތިބި ފަސް މީހަކު މަސްތުވާ ތަކެއްޗާ އެކު ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފަ އެވެ.