އިންޑިއާއިން ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާ އެދުމުގެ މަތިން، އެކަން ހަމަޖެއްސުމަށް ފިޔަވަޅުތަކެއް ކުރިއަށް އަޅާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު، ސަލްމާން ޚޫރުޝީދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ސަރުކާރުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ދެފަރާތުން އެއްބަސްވެވޭ ވަކި އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިދިޔަ ޖެނުއަރީ މަހުގެ 1-4 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އިންޑިއާއިން ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

ދެސަރުކާރުގެ ދެމެދުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަށްފަހު، ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވާގޮތުން، ދެކުނު އިންޑިއާގެ މެންގަލޯ ރިފައިނަރީ އެންޑް ޕެޓްރޯ ކެމިކަލްސް ލިމިޓެޑުން ވަނީ، ވަކި އުސޫލުތަކެއްގެ ދަށުން ރާއްޖެއަށް ޑީސަލާއި، ޕެޓްރޯލުގެ އިތުރުން އޭވިއޭޝަން ފިއުލް އެކްސްޕޯޓް ކުރުމަށް އެއްބަސްވެފަ އެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރާނޭ ކަމުގެ ޔަގީންކަން ވެސް އިންޑިއާ ސަރުކާރުން ދީފައިވެ އެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުގައި ވެސް އެއްގައުމު އަނެއްގައުމަށް އެއްބާރުލުން ދިނުމަށް ވަނީ، އެއްބަސްވެފަ އެވެ. އެގޮތުން، އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ކުރާ އިންވެސްޓުމަންޓުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެކުލަވާލުމަށް 2011 ވަނަ އަހެރު އެއްބަސްވެފައިވާ، ޖޮއިންޓް ކޮންސަލްޓޭޓިވް ކޮމިޝަން (ޖޭސީސީ)ގެ ފުރަތަމަ ބައްދަލުވުން މިއަހަރުގެ މެދުތެރޭގައި ބޭއްވުމަށްވެސް މަޝްވަރާތަކުގައި ވަނީ އެއްބަސްވެފަ އެވެ.

އިންޑިއާ ސަރަހައްދުގައި ހިމެނޭ ދެކުނުއޭޝިއާގެ ގައުތަކުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި އެއްގައުމު އަނެއްގައުމަށް އިހްތިރާމްކޮށްގެން ގުޅިގެން މަސައްކަތްކުރުމާ ބޭހޭގޮތުން ވެސް މަޝްވަރާ ކުރެވުނުކަމަށް އެ ބަޔާނުގައި ބުނެފައި އެވެ.