ކެމެރާ ހަރުކޮށްގެން ފޮޓޯ ނެގުމަށް ބޭނުންކުރާ ޑްރޯންއެއް، ޖުމްހޫރީ މައިދާނުގައި އުދުއްސި ތިން މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށް މައުލޫމާތު ނެގުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު މެންދުރުގެ ވަގުތުގައި ޖުމްހޫރީ މައިދާނުގައި ޑްރޯންއެއް އުދުއްސަމުން ދަނިކޮށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އުޅުނު ތިން މީހަކު ކަމަށެވެ.

ފޮޓޯ ނަގައި ވީޑިއޯ ކުރުން މަނާ، ސިފައިންގެ މައި މަރުކަޒު ފޮޓޯ ނަގަމުންދިޔަކަމުގެ ތުހުމަތުގައި އެމީހުން ފުލުސް އޮފީހަށް ހާޒިރުކުރުމަށްފަހު ފުލުހުން ވަނީ އެމީހުން ގެންގުޅުނު ކެމެރާ ބަލައި ފާސްކޮށްފަ އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ތިން މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް އެމީހުން ގެންގުޅުނު ޑްރޯން ބަލައި ފާސްކުރިއިރު ސިފައިންގެ މައި މަރުކަޒު އަރާގޮތަށް އެއްވެސް ފޮޓޯއެއް ނަގާފައި ނެތުމުން އެ މީހުންގެ މައުލޫމާތު ނެގުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.