21 Feb 2014, 22:01
އަވައްޓެރި އިންޑިއާގެ ޚާރިޖީ ވަޒީރު، ޝްރީ ސަލްމާން ޚޫރުޝީދު، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.
ޚޫރުޝީދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ސާކުގެ ހާރިޖީ ވަޒީރުންގެ 35 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އާއި ބައްދަލުކުރައްވައިފަ އެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އޮން ގާތް ރަހްމަތްތެރިކަމުގެ ގުޅުމުގެ ދަށުން އިންޑިއާ ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިމާރާތް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވާފައިވެ އެވެ. މި އިމާރާތް ބިނާ ކުރުމަށް އިންޑިއާ ސަރުކާރުން 11 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ "ނޭވަލް ލޭންޑިން ކްރާފްޓެއް" ދިވެރި ސަރުކާރާ ހަލާލުކޮށްދެއްވުމުގެ އިތުރުން ޚާރިޖީ ވަޒީރު ސަލްމާން ޚޫރުޝީދު ވަނީ، އިންޑިއާ ސަރުކާރުގެ އެހީގައި ބިނާކުރާ ދިވެހި ސިފައިންގެ އާ އިމާރާތުގެ ބިންގާ ވެސް އަޅުއްވައި ދެއްވާފަ އެވެ.
ރާއްޖޭގައި ސާކު ކައުންސިލް އޮފް މިނިސްޓާސް މީޓިން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާތީ އިންޑިއާ ސަރުކާރުން ވަނީ، ތައުރީފް ކޮށްފަ އެވެ. އަދި ރާއްޖޭގައި މި ބައްދަލުވުން ބޭއްވުމަށް އިންޑިއާއިން ވެދިން އެހީތެރިކަމާއި، އަދި ރާއްޖޭގެ އެކިއެކި ދާއިރާތަކަށް އިންޑިއާ ސަރުކާރުން ވެދެމުން ގެންދާ އެހީތެރިކަން ފާހަގަކޮށް ދިވެހި ސަރުކާރުންވަނީ އިންޑިއާ ސަރުކާރަށް ޝުކުރުއަދާ ކޮށްފައެވެ.
އިންޑިއާގެ ވަފުދަށް ރާއްޖެއިން ކިޔާފައިވާ ހޫނު މަރުހަބާއާއި މެހެމާންދާރީ ފާހަގަކޮށް ޝުކުރުއަދާކޮށްފައިވާއިރު އިންޑިއާގެ ހާރިޖީވަޒީރު ވަނީ، ރާއްޖޭގެ ޚާރިޖީވަޒީރު ދުންޔާ މައުމޫން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވައިފަ އެވެ.