21 Feb 2014, 20:09
"ސަން ސިޔާމް"ގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު އަކީ ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އެންމެހައި ޒުވާނުންނަށް ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަން ޓްރެވަލްގެ ނަން ސަން ސިޔާމްގެ ނަމަށް ރީބްރޭންޑް ކުރުމަށް ނ. އަތޮޅުގައި އޮންނަ "ދަ ސަން ސިޔާމް އިރުފުށި" ރިސޯޓުގައި މިއަދު ބޭއްވި ހާއްސަ ހަފްލާގައި ރައީސް ޔާމީން ވިދާޅުވީ މިއަދަކީ އެތަކެއް އަހަރުތަކެއް ފަހުން ދިވެހި ޒުވާނެއްގެ އުއްމީދުތައް ހަގީގަތަކަށް ވެގެންދިޔަ ދުވަސް ކަމަށެވެ.
"ދިވެހި ޒުވާނަކު ކުރީގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތާ ޚިލާފަށް، ވަރަށް ވަރުގަދަ ނުފޫޒުގަދަ ބާރުގަދަ ވިޔަފާރިވެރިންގެ ކާޓެއިލެއް ބްރޭކް ކުރައްވާފައި މިދާއިރާއަށް ވަދެ، ދިވެހި ޒުވާނެއްގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިންތަން ފެނިގެން މިދަނީ އެތަކެއް އަހަރުތަކެއް ފަހުން،" މީގެ 27 ވަރަކަށް އަހަރު ކުރިން ސިޔާމް ފެއްޓެވި ވިޔަފާރިއަށް އިޝާރަތްކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މައްސައްކަތްތެރިކަމުގެ ދާއިރާގައި ކޮންމެ ޒުވާނަކަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮތްއިރު، އަހްމަދު ސިޔާމް މުހައްމަދުގެ ވިޔަފާރީގެ ކާމިޔާބީތަކުން އަދުގެ ޒުވާނުން އިބްރަތެއް ހޯދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ އެހެނިހެން ދިވެހި ޒުވާނުންނަށް، މި ފިލާވަޅުން އިބްރަތް ހޯދަމާތޯއޭ. އަޅުގަނޑުމެން މަސައްކަތްކުރަން ބޭނުމިއްޔާ ހަމަ ކޮންމެ ދާއިރާއަކުންވެސް ދިވެހި ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްވެގެން ދާކަން. އަދި އޭގެ ނަތީޖާތައް ކާމިޔާބުކަމާއެކީ ހާސިލްވެގެންދާތަން. ކިތަންމެ ރަނގަޅަކަށް ވެސް މިއަދުގެ މި ހަފްލާއިން ވެސް ސާބިތުވެގެން އެބަދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުން އަނަން ހީނަރުކަމާ ކުރިމަތިލުމުގެ ގާބިލުކަން ބައެއް ވިޔަފާރިތަކުގައި ނެތުމުގެ ނަތީޖާއެއްގެ ގޮތުން، އެ ކުންފުނިތަކުގެ ޚިދުމަތް ހަނިކޮށް އަދި މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަމާ ކުރިމާތިލާން ޖެހުނު ނަމަވެސް، ސަން ސިޔާމް ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ އަގުބޮޑު އަދި ގާބިލް ވިޔަފާރިތަކުގައި ވަޒީފާ އަދާކުރައްވާ ފަރާތްތަކަށް އެފަދަ ބިރުވެރިކަމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިތަނުގައި މަސައްކަތްކުރައްވާ ހުރިހާ ދިވެހި ޒުވާނުންނަށް އަދި ހުރިހާ މުވައްޒަފުންނަށް މިކަމުން ލިބިގަންނަނަށް ޖެހޭ އުފަލަކީ، މިތަނުގެ ހިދުމަތުގެ ފެންވަރު މަތިވެގެން ދިޔައިމަ، ޝައްކެއްވެސް ނެތްގޮތުގައި އެ ދިވެހި ކުދިންގެ ރެމިއުނަރޭޝަން މަތިވެގެން ދާނެކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އިގްތިސާދަށް އަންނަ ހީނަރުކަމާ ގުޅިގެން ވެސް މިކަހަލަ އަގުބޮޑު ޕްރޮޕަޓީ ތަކުގައި އެފަދަ ހީނަރުކަމާ ހަނގުރާމަކުރާނޭ ފަދަ ގާބިލުކަން ހުންނާނެ. އެހެންވީމާ ދިވެހި ކުދިން ވިސްނަން ޖެހޭނީ ބައެއް ކަހަލަ ވިޔަފާރިތަކުގައި އިގްތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުން އަންނަ ނާމާންކަމެއް ނުވަތަ ގެއްލުމެއްގެ ސަބަބުން މިދަނީ މުވައްޒަފުން މަދުކުރުމާއި ޚިދުމަތް ކުޑަކުރުންފަދަ އެތައް ކަންތައްތަކެއް. އެކަމަކު މި ޕްރޮޕަޓީ މިގޮތަށް ރިބްރޭންޑް ވެގެން ގޮސްފައި ޚިދުމަތުގެ ފެންވަރު މަތިވެގެން ދިޔައިމަ، އަޅުގަނޑުމެން ކަށަވަރު ކުރަން ޖެހެނީ، އެކަހަލަ ކަމެއް މިތަނުގައި ނުހިނގާނެ ކަން."
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އުހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަހްމަދު ސިޔާމް މުހައްމަދު ފަތުރުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ 1987 ވަނަ އަހަރު އެވެ. އަދި ސަންޓްރެވަލް އުފައްދަވައި އެތަނުގެ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ 1990 ވަނަ އަހަރު އެވެ.
"ސަން ސިޔާމް"ގެ ވިޔަފާރީގެ ތެރޭގައި ރާއްޖޭގެ އެންމެ ރަނގަޅު ފެންވަރުގެ ހަތަރު ރިސޯޓު މިހާރުވެސް އޮޕަރޭޓް ކުރަމުން ގެންދާއިރު، ފަސް ވަނަ ރިސޯޓެއް، މިއަހަރުގެ ތެރޭގައި ސްރީލަންކާގައި ހުޅުވުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ.