ގދ. ތިނަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކު ލައްވައި ފައިސާއަށް ހަށިވިއްކުވި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހަތް މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ދަންވަރު 3:30 އެހައިކަންހާއިރު ތިނަދޫ ގެސްޓް ހައުސްއެއްގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ލައްވައި ފައިސާއަށް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށާއި އޭގެ ތެރެއިން 18 އަހަރުގެ މީހާއަކީ ކުޑަކުއްޖަކާއި ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހަތް މީހުންގެ ބަންދުގެ މުއްދަތު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތިނަދޫ ފަސް މީހަކާއި އެއަތޮޅު ވާދޫ މީހަކާއި ގއ. ވިލިނގިލީ މީހެއް ކަމަށެވެ.

ގދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރާއި ގުޅިގެން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.