21 Feb 2014, 17:23
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ "ސަން ޓްރެވަލް"ގެ ޕްރޮޕަޓީތައް "ސަން ސިޔާމް"ގެ ނަމަށް ރީބްރޭންޑް ކޮށްފި އެވެ.
ވޭތުވެދިޔަ 24 އަހަރު ދުވަހު ސަން ޓްރެވަލްގެ ނަމުގައި ހިންގި ބްރޭންޑްގެ ނަން، ސަން ސިޔާމަށް ރިބްރޭންޑު ކުރުން އިފްތިތާހު ކޮށްދެއްވީ، އާ ބްރޭންޑް ނަމާއެކު ބަދަލުވެގެން ދިޔަ ނ. އަތޮޅު އިރު ފުށި ބީޗް އެންޑް ސްޕާ ރިސޯޓުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ ރަސްމިއްޔާތުގައި ސަން ސިޔާމްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު އާއި ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ސަން ސިޔާމް ބްރޭންޑްގެ ދަށުން ނަމަށް ބަދަލު ގެނެވުނު ފުރަތަމަ ރިސޯޓަކީ އިރުފުއްޓެވެ. އެގޮތުން އެ ރިސޯޓުގެ މިހާރުގެ އާ ބްރޭންޑް ނަމަކީ "ދަ ސަން ސިޔާމް އިރުފުށި" އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަކުފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، އެމަނިކުފާނުގެ ވަރަށް ގާތް އަޚެއް ކަމަށްވާ އަހްމަދު ސިޔާމް، 1987 އަހަރު ވަރަށް އާދައިގެ ގޮތެއްގައި ފެއްޓެވި ވިޔަފާރި މިއަދު ރާއްޖޭގެ ޓޫރިޒަމްގެ އެންމެ އަގުބޮޑު ޕްރޮޕަޓީތަކުގެ ތެރޭގައި ހިމެނުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށެވެ.
"ވަރަށް އާދައިގެ މައްސައްކަތެއްގެ ތެރެއިން ފެއްޓެވި މަސައްކަތް އުފަލާއެކީ އަޅުގަނޑުމެން އެންމެ މި ހެކިވަނީ، މިއަދުމީ އެންމެ ފުރިހަމަ ފަސްތަރީގެ ހޮޓާތަކެއް، ޕްރޮޕަޓީތަކެއް ގާއިމް ކުރައްވައި އަދި މިވަގުތު ދިވެހިރާއްޖޭގައި ހުރި އެންމެއަގުބޮޑު ޓޫރިޒަމް ޕްރޮޕްޓީތަކުގެ ވެރިއަކީ އަހްމަދު ސިޔާމް ކަމުގައި ފާހަގަވެގެންދާތީ އަޅުގަނޑު ވަރަށް އުފާކުރަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަރަށް ޒުވާން އުމުރުގައި ވަރުގަދަ އަޒުމަކާއިގެން ހީވާގިކަމާއެކު ވިޔަފާރި ފެއްޓެވި ސިޔާމް މިއަދު ވަނީ، ދިވެހި އެހެނިހެން ވިޔަފާރިވެރިންނަށް ނަމޫނާ ދައްކަވާފައި ކަމުގަ އެވެ.
"އަޅުގަނޑު ދަންނަވާނީ، ސަންޓްރެވަލްގެ ޕްރޮޕަޓީތައް މިގޮތަށް ސަން ސިޔާމްގެ ނަމަށް ބްރޭންޑް ވެގެން ދިޔައިމަ މިއީ ހަމައެކަނި، މެނޭޖްމަންޓަށް އައަ ބަދަލެއް ނޫން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިތަނުންދޭ ހިދުމަތްތައް ފުޅާވެ، އަދި ހިދުމަތުގެ ފެންވަރު މަތިވެގެންދިއުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ނަމަށް އައި ބަދަލާއެކު ހިދުމަތްތައް ފެންވަރު ރަނގަޅުވެ ފުޅާވުމުން އޭގެ އެންމެ އެދެވޭ ފައިދާ، ތަނުގެ ދިވެހި ޒުވާން މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންނަށް ފޯރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ސަން ސިޔާމްގެ އެގްޒެކެޓިވް ޑައިރެކްޓަރު މާކެޓިން، ޒުލޭހާ މަނިކު "ސަން"އަށް މިއަދު ވިދާޅުވީ، އިރުފުށީގެ ނަން މިއަދު "ދަ ސަން ސިޔާމް އިރުފުށި" އަށް ރިބްރޭންޑު ކުރެވުމާއެކު ކުރިއަށް އޮތްތަނުގައި އެ ކުންފުނިން ރާއްޖޭގައި ހިންގަމުންއަން އަނެއް ތިން ރިސޯޓު ވެސް އާ ބްރޭންޑްގެ ތެރެއަށް ވަދެގެންދާނެ ކަމަށެވެ.
ސަން ޓްރެވަލް އުފައްދައި ރަސްމީކޮށް އިފްތިތާހު ކުރެވުނީ 1990 ވަނަ އަހަރު އެވެ.