21 Feb 2014, 17:08
ރައްޓެހިންތަކަކާއެކު ރެސްޓޯރެންޓެއްގައި ކޮފީއެއް ބޯން އިންދައި، މައިބަދައަށް ވަޅި ހަރައި ޒަހަމްކޮލުމުން، ކަނައަތު ފައިގެ ވާގި ނެތުނު، ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ފަރުވާއަށްފަހު ސްރީ ލަންކާގެ ސެންޓްރެލް ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފި އެވެ.
ބުރަކައްޓަށް ވަޅި ހެރުމުން މައިބަދައިން ބައެއް ނެއްޓި، ނާރެއް ބުރިވުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް އަލްހާން ލައްކާއަށް ގެންދިޔައީ މި މަހުގެ ފުރަތަމަ ދުވަހުގެ ރޭގަ އެވެ. މައިބަދައިން ނެއްޓުނު ކަށިކޮޅުގެ ބަދަލުގައި އާޓިފިޝަލް ކަށިކޮޅެއްގެ އެހީގައި "ރިކަވާ ވަމުންދާ" އަލްހާން ހޮސްޕިޓަލުގައި އޮންނަތާ މިއަދަށް 20 ދުވަސް ވެއްޖެ އެވެ. ލައްކާގެ ސެންޓްރެލް ހޮސްޕިޓަލުން އޭނާ ދޫކޮށްލީ މިއަދު މެންދުރު 12:30 އެހާކަންހާއިރު އެވެ.
ހޮސްޕިޓަލުން، ދޫކޮށްލުމުން އަސައެއްގެ އެހީގައި ހިނގައިގަތުމަށް މަސައްކަތް ކުރަމުންދާ އަލްހާން "ސަން"އަށް ވިދާޅުވީ "ދަނޑިބުރިއެއް"ގެ އެހީގައި ކޮޅަށް ހުރެވުނަސް، ކަނައަތު ފައިގެ ވާގި ނެތުމުން އަދި ހިނގައި ނުގަނެވޭ ކަމަށެވެ. ނަމަވެސް ފިޒޯތެރަޕީ އާއި "ދަނޑިބުރީ"ގެ ޓްރޭނިން ހަދަން ފެށުމުން ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި މާލެ ދެވޭވަރުވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ފުރިހަމަ ކުރަންޖެހޭ ސިއްހީ މަރުހަލާތައް ފުރިހަމަ ކުރެވިއްޖެނަމަ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހިނގައިގަނެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައިވާ ކަމަށެވެ. ބުރަކައްޓަށް ވަޅި ހެރުމުން މައިބަދައިން ނެއްޓުނު ކަށިކޮޅުގެ ބަދަލުގައި މަސްނޫއީ ކަށިކޮޅެއް ލައްވާފައިވާ ހުއްޓަސް ރިހުން ވަރަށް ގަދައަށް ހުންނަ ކަމަށް އަލްހާން ވިދާޅުވި އެވެ.
"ދަނޑިބުރިއެއް ހޯދައިގެން ހިނގުމުގެ ޓްރޭނިން ފަށައިގެން މި އުޅެނީ... ވަޅި ހެރުމުން ސްޕައިންއަށް ވަރަށް ބޮޑަށް ޑެމޭޖު ވެފައި ހުރީ. އެތަނުން ނެއްޓުނު އެތިކޮޅުގެ ބަދަލުގައި އާޓިފިޝަލް އެއްޗެއް ލައްވާފައި ހުރީ. އެހާބޮޑު ޑެމޭޖެއް ވެފައި ހުރީހަމަ ކަންނޭގޭ އަދިވެސް ރިހުން ގަދައީ،" އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ އައުމަށްފަހު ފޭދޫ ދާއިރާގެ ކެމްޕެއިންގައި އަމިލީގޮތުން އޭނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އަމިއްލަ ގޮތުން ފޭދޫ ދާއިރާއަށް ވާދަ ކުރައްވާ އަލްހާން ވަނީ، އެމްޑީޕީގެ ފޭދޫ ޕްރައިމަރީ ކާމިޔާބު ކުރެއްވި ސ. ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު ކެންޑިޑޭސީ ބާތިލް ކުރުމަށް ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.