ފުވައްމުލަކުގައި މީގެ ދެއަހަރުކުރިން ހަދާފައިވާ އެއާޕޯޓަށް ރޭގަޑުގެ ފްލައިޓްތައް ޖައްސަން ފަށައިފި އެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާކްސަމިޓާ ދިމާކޮށް އެރަށުގައު ހުޅުވި އެއާޕޯޓަށް މިހާތަނަށް ރޭގަނޑުގެ ފްލައިޓުތައް ޖައްސާފައި ނުވަނީ އެއާޕޯޓުގައި ކޮންމެހެން ހުންނަންޖެހޭ ލައިޓުތަކެއް ނެތުމުންނެވެ. ނަމަވެސް އެސްޓީއޯ އިން ހިންގި 4.5 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ބަޔަކާ ހަވާލުކޮށްގެން އެއާޕޯޓުގައި ލައިޓް ހަރުކޮށް ރޭގަނޑު ފްލައިޓު ޖައްސަން ފަށާފައި ވަނީ ރޭ އެވެ. ފުރަތަމަ ފްލައިޓް އެ އެއާޕޯޓަށް ޖައްސައިދިނީ އެއާޕޯޓް ފުރަތަމަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ބޯޓި ޖައްސައިދިން ފުވައްމުލަކަށް އުފަން ޕައިލެޓް، މުހައްމަދު މުބާހް އިބްރާހީމެވެ.

މީޑިއާއާއި ވާހަކަ ދައްކަމުން މުބާހު ބުނީ ފުވައްމުލަކު އެއާޕޯޓު ރޭގަނޑު ބޭނުން ކުރަން ފެށުމަކީ އެ ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ރޭގަނޑު ފުރަތަމަ ފްލައިޓެއްގެ ގޮތުގައި އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއް ޖައްސަން ފުރުސަތު ލިބުމަކީ އެ ކުންފުނިން ވެސް އުފާކުރާ ކަމެއްކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވީ ރޭގަނޑުގެ ދަތުރުތަކާ އެކު ފުވައްމުލަކު ރައްޔިތުންގެ ހުވަފެން މިރޭ ހަގީގަތަކަށް ވެފައިވާ ކަމަށާއި އެއާޕޯޓެއްގެ ހަގީގީ ޚިދުމަތްތައް ފެނިގެން ދާނީ ރޭގަނޑު ގަޑީގައިވެސް ފްލައިޓްތައް ޖައްސެމުގެ އިންތިޒާމުވެސް ހަމަޖެހިގެން ކަމަށެވެ.

"މިއަދަކީ މި އެ އާޕޯޓްގެ ބޭނުން ފުރިހަމަ މާނައެއްގައި ހިފިގެން ދާ ދުވަސް. ރޭގަނޑަށް ވެސް ޖެއްސޭގޮތަށް އަދި ދުވާލު ވެސް ވަރަށް ރަނގަޅު އިންތިޒާމެއްގެ މަތިން މިހާރު ހިދުމަތް މި ފެށުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ފުވައްމުލަކު އެއާޕޯޓްގައި ރޭގަނޑު ފްލައިޓް ޖެއްސޭނެ ގޮތް ހެދުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން ތެރޭގައި ހިމެނޭ ކަމެއްކަމަށާއި ކުރިއަށް އޮތް ތަނުގައި އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުގެ އަދަދު ވެސް އިތުރުވެގެންދާނެކަމަށެވެ.

"އަދި މީހުންނަށް ފްލައިޓް އިހްތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ. އެހެންވީމަ މިއީ އެއާލައިން އޮޕަރޭޓްކުރާ ފަރާތްތަކަށް އަދި ދަތުރުކުރާ ފަރާތްތަކަށް ލިބުނު ކުރިއެރުމެއް،" އަމީން ވިދާޅުވި އެވެ.

ފުވައްމުލަކު އެއާޕޯޓުގެ ރަންވޭގައި ފުރަތަމަ ފަހަރަށް ރޭގަނޑު ފްލައިޓް ޖެއްސި މަންޒަރު ބަލަން އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ޖަމާވެފައެވެ.