21 Feb 2014, 15:03
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ މެމްބަރުންނަކީ ސަރުކާރުގެ މަޝްރޫއުތަކަށް ފުރިހަމައަށް ތާއީދުކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު އައިޓީ އިންކިއުބޭޓާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ރާވާފައިވާ ކަންތައް ތަންފީޒުކުރަން ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ. އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ މެޖޯރިޓީ އޮންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިފަހަރު މަޖިލީހަށް އިންތިހާބުވާ މެންބަރުންނަކީ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫތަކަށް ތާއީދުކޮށް، ރައްޔިތުންނާއި ޒުވާނުންގެ ހައްގުގައި ފުރިހަމައަށް މަސައްކަތްކުރާ "ޕޮސިޓިވް" ވިސްނުމެއް ގެންގުޅުއްވާ ބައެއްކަމުގައި ވާން ޖެހޭކަމަށް ވެސް އަމީން ވިދާޅުވި އެވެ. އަދި ފުވައްމުލަކުގެ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ވިސްނާ ހުރިހާ ބޭފުޅުން ވެސް އެކަންކަމާ މެދު ވިސްނާވަޑައިގަތުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
"ފުވައްމުލަކުގެ ޒުވާނުންނާއި އެ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ވިސްނާ ހުރިހާ ބޭފުޅުންވެސް ވިސްނާލަން ޖެހޭ. އެއީ ތިބޭފުޅުން މަޖިލީހަށް އިންތިހާބު ކުރައްވާ މެންބަރުންނަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫތަކަށް 100 ޕަސެންޓު ތާއީދުކުރާ ބަޔަކަށް ވާން އެބަޖެހޭ،" އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިފަހަރު މަޖިލީހަށް އިންތިޚާބުވާ މެންބަރުންނަކީ ސަރުކާރުގެ މަޝްރޫއުތަކަށް ފުރިހަމައަށް ތާއީދު ނުކުރާ ބަޔަކަށް ވެއްޖެނަމަ، "ތަރައްގީއާ ކުރިއެރުމާ ބީރައްޓެހި ހަރަކާތްތަކެއް" ނޫނީ ރާއްޖެއިން ފެނިގެން ނުދާނެ ކަމަށެވެ.