21 Feb 2014, 14:22
އދ. މަޖިލިސް (ފެބްރުއަރީ 21) : ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހައިހޫނުކަމާއި ބަލިމަޑުކަމާއި ބޯހިޔަވަހިކަން ނެތުންފަދަ އިންސާނީ މުސީބާތް ތަހައްމަލްކުރަމުންގެންދާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާބެހޭ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކުރާނެ އެވެ.
އދ. ގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުން ވިދާޅުވާގޮތުގައި މިގަރާރުގެ ދެލިކޮޕީއަށް އެންމެފަހުން ގެނެސްފައިވާ އިސްލާޙްތަކަށް ރަޝިޔާއާއި ޗައިނާގެ ރުހުން ލިބިފައިވާތީ މިގަރާރު މިއަދު ފާސްކުރެވޭނެ ކަމަށް ވަރަށްބޮޑަށް ބެލެވެ އެވެ. މިގަރާރުގެ ކުރީގެ ދެލިކޮޕީއަށް ޗައިނާއާއި ރަޝިޔާ ދެކޮޅު ހަދާފައިވަނީ އޭގައި ސޫރިޔާ ސަރުކާރު ކުށްވެރިކުރުމާއި އދ. ޗާޓަރުގެ ހަތްވަނަ ޗެޕްޓަރުގެ ދަށުން ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނިފައިވާއިރު އެއީ މިގަރާރު ފާސްކުރުމުގެ ބޭނުމާ ގުޅުންނުވާ ސިޔާސީ ކަންތައްތަކެއް ކަމަށްވާތީ އެވެ.
ސަލާމަތީ މަޖިލީހުގެ މެންބަރުން މިހާރު ގެންދަވަނީ މިގަރާރުގެ ދެލިކޮޕީ އަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާޙްތައް ދިރާސާކުރަމުން ކަމަށްވެ އެވެ.
ސޫރިޔާގެ ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންނަށް ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އަމާން މަގުތަކެއް (ކޮރިޑޯތަކެއް) ގާއިމް ކުރުމަށް ގޮވާލާ މިގަރާރު ސަލާމަތީ މަޖިލީހަށް ހުށަހަޅަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ތާއީދާއެކު އޮސްޓްރޭލިޔާ، ލަކްސަންބާގް އަދި އުރުދުން އިންނެވެ.
ސޫރިޔާގެ ދާހިލީ ހަނގުރާމައިގާ ޝާމިލްވާ ހުރިހާ ފަރާތްތަކަށް، މިގަރާރުގެ ދެލިކޮޕީ ގޮވާލަނީ އާންމުންނަށާއި އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާތައް ނުދިނުމަށާއި އާންމުން ހިމާޔަތް ކުރުމަށެވެ. އަދި އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅުމަށްވެސް މިގަރާރު ގޮވާލަ އެވެ.
މި ގަރާރު ފާސްކުރުމަށްފަހު މިއާ ހިލާފުވާ ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނަމަ އެކަން ކުރަންޖެހޭނީ ސަލާމަތީ މަޖިލީހުން އެހެން ގަރާރެއް ފާސްކޮށްގެންކަމުން މިއީ އެއްވެސް ފަރާތަކަށް ބިރުދެއްކުން ހިމެނޭ ގަރާރެއް ނޫންކަމަށް ހަބަރުލިބެ އެވެ. (ރޮއިޓާސް)