21 Feb 2014, 14:10
ކިޔޭވް (ފެބްރުއަރީ 21) - ޔުކްރޭނަށް ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިޙާދުގެ ވަފްދުގެ މަސައްކަތުން ޔުކްރޭންގެ ރައީސް ވިކްޓާ ޔަނަކޮވިޗް އާއި އެގައުމުގެ އިދިކޮޅު އެންމެއިސް ތިން ލީޑަރުންނާ ދެމެދު ސީދާގޮތެއްގައި ބައްދަލުވުމެއް ބޭއްވިއްޖެ ކަމަށް ޕޮލެންޑުން ބުނެފި އެވެ.
ޕޮލެންޑްގެ ޚާރިޖީ ވުޒާރާއިންބުނީ ޔަނަކޮވިޗް އާއި އިދިކޮޅު ލީޑަރުންނާ ދެމެދު މިއަދު ބޭއްވި މިބައްދަލުވުމުގައި ޔުކްރޭނަށް ސުލްހަ ގެނައުމާބެހޭގޮތުން މަޝްވަރާތައް ކުރައްވާފައިވާ ކަމަށާ ޔުކްރޭންގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކުރުމުގެ އެއްބަސްވުމެއް ދެފަރާތުން އެއްބަސްވާނެ ކަމުގެ އުންމީދު ބޮޑުކަމުގަ އެވެ.
ޔުކްރޭނަށް ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިޙާދުގެ ވަފްދުގައި ހިމެނެނީ ޕޮލެންޑާއި ފަރަންސޭސިވިލާތާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުންނެވެ.
ހުޅަނގުގެ ތާއީދު ލިބިފައިވާ ޔުކްރެއިންގެ އިދިކޮޅު ފަރާތްތަކާއި އެގައުމުގެ ސަރުކާރާ ދެމެދު މިދިޔަ ބުދަދުވަހުގެ ރޭގައި ވެފައިވާ ސުލްހައިގެ ވަގުތީ އެއްބަސްވުން ރޫޅި އެގައުމުގައި އިއްޔެވަނީ ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. އިއްޔެގެ ހަމަނުޖެހުންތަކުގައި 24 މީހުން މަރުވެފައިވާއިރު ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫރަޕްގެ އިއްތިޙާދުންވަނީ ނިންމާފަ އެވެ.
ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި ބޭއްވި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒިރުންގެ ކުއްލި ބައްދަލުވުމަކަށްފަހު އިޓަލީގެ ޚާރިޖީ ވަޒީރާ އީމާބޮނީނޯ ވިދާޅުވީ ޔުކްރޭންގެ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އެގައުމުގެ އިސް މަސްއޫލުވެރިން ކަމަށާ އެބޭފުޅުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބްރަސަލްސްގެ ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމުގަ އެވެ.
ދަތިކުރުމުގެ މިފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ޔުކްރޭންގެ މަސްއޫލުވެރިން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެއްވުމުގެ ވިސާ ނުދިނުމާއި ޔޫރަޕްގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒް ކުރުންފަދަ ފިޔަވަޅުތައް ކަމަށްވެސް އިޓަލީގެ ޚާރިޖީ ވަޒީރާ ވިދާޅުވި އެވެ.
ޔުކްރޭންގެ ވެރިރަށް ކިއޭވްގައި އެގައުމުގެ ސަލާމަތީ ބާރުތަކާއި އިދިކޮޅު އެކްޓިވިސްޓުންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި 24 މީހުން މަރުވެ 200 އަށްވުރެ ގިނަމީހުން ޒަހަމްވެފައިވެ އެވެ. އިއްޔެ ކުރިމަތިލުންތަކެއް ހިނގާފައިވަނީ މިހަފްތާގެ ކުރީކޮޅު ކިޔޭވްގައި ހިނގި ކުރިމަތިލުންތަކުގައި 26 މީހުން މަރުވުމާގުޅިގެން ސުލްޙަ ގާއިމުކުރުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވަނިކޮށެވެ.
ކިއޭވްގައި އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ޔުކްރެއިންގެ ފުލުހުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަސްލު ވަޒަނާއި ފެނާއި ލަޓިބުރި ފަދަ ތަކެތި ބޭނުންކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ޔުކްރޭންގެ ދާޚިލީ ވުޒާރާއިން ބުނަނީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހުޅަނގުގެ މަދަދުލިބިފައިވާ ޖަމާއަތްތަކުން ހިންގަމުން ގެންދާ ޓެރަރިޒަމްގެ ޢަމަލުތަކުގެ ސަބަބުން މިދިޔަ ހަފްތާގައި ޖުމްލަ 75 މީހުން މަރުވި ކަމަށާ އިދިކޮޅު ޖަމާއަތްތަކުން 76 ފުލުހުން ވެސް ވަގަށްނަގާފައިވާ ކަމުގަ އެވެ. (ރޮއިޓާސް)