ވިއެނާ (ފެބްރުއަރީ 21) : އީރާނުގެ ނިއުކްލިޔާ މައްސަލާގައި ހުޅަނގާއި އީރާނާދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށްޓަކައި ވިއެނާގައި މިހާރު ކުރިޔަށްދާ ވާހަކަތައް ކާމިޔާބު ކަމަށް އީރާން ބުނެފި އެވެ.

އީރާނުގެ ޚާރިޖިއްޔާއިން ބުނީ ނިއުކްލިޔާ ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށްޓަކައި ދެފަރާތުން ދެއްކުމަށް ހަމަޖެހިފައިވާ ވާހަކަތަކުގެ ފްރޭމްވޯކެއް މިހާރު އެކަށައެޅިއްޖެކަމުގަ އެވެ.

އީރާނުގެ ހާރިޖީ ވަޒީރުގެ ނާއިބު އައްބާސް އިރާގްޖީ ވިދާޅުވީ، ފާއިތުވި ދެދުވަހު އީރާނުގެ މަންދޫބުންނާއި ހުޅަނގުގެ ބާރުތަކުގެ މަންދޫބުން ވިއެނާގައި ކުރި މަޝްވަރާތަކުން މިފަދަ ފްރޭމްވޯކެއް އެކަށައެޅި އެއަށް ދެފަރާތުން އެއްބަސްވެފައިވާ ކަމުގަ އެވެ. އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުންވެސް ވަނީ އީރާނުގެ މަންދޫބުންނާއި ހުޅަނގުގެ މަންދޫބުން ޖެނީވާގައި ކުރިޔަށް ގެންދާ ވާހަކަތައް ކާމިޔާބު ކަމަށް ބުނެފަ އެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލައާ ގުޅިގެން ހުޅަނގާއި އީރާނާދެމެދު އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމަށްޓަކައި ވިއެނާގައި ކުރިޔަށްދާ ވާހަކަތަކުގައި އީރާނުގެ މަންދޫބުންގެ އިތުރުން ހުޅަނގުގެ ބޮޑު ތިންބާރު ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުގެ މަންދޫބުންނާއި ޔޫރަޕްގެ އިއްތިޙާދުގެ މަންދޫބުންވެސް ބައިވެރިވެ އެވެ.

މިވާހަކަތައް ފަށާފައިމިވަނީ މިމައްސަލާގައި އީރާނާއި ހުޅަނގުން 6 މަސްދުވަހުގެ ވަގުތީ އެއްބަސްވުމެއްގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒުކުރަން ފަށާފައިވަނިކޮށެވެ.

ވަގުތީ އެއްބަސްވުން ބިނާކޮށްފައިވަނީ އީރާނުން ނިއުކްލިޔާ ބައެއް ހަރަކާތްތައް މަޑުޖައްސާލައި ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 20 އިންސައްތައަށްވުރެ އިތުރު ނުކުރުމުން އީރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބައެއް ލުއިތައް ދިނުމުގެ މައްޗަށެވެ.

އީރާނުން ވަގުތީ އެއްބަސްވުން ތަންފީޒުކުރަން ފެށުމުން ހުޅަނގުގެ ބާރުތަކުންވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާފަ އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް މައްސަލައަކަށް ވެފައިވަނީ އެއީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމެއް ކަމަށް ހުޅަނގުން ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އެހެން ނަމަވެސް މިތުހުމަތުތައް ސާބިތުކޮށް ދިނުމަށް ހުޅަނގުގެ ބާރުތައްވަނީ ނުކުޅެދިފަ އެވެ. (ރޮއިޓާސް)