ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން ދަރުމަވަންތަ މިސްކިތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލަން އިއުލާންކޮށްފައި ވަނިކޮށް، އެ މިސްކިތަށް ހުކުރަށް ދާ މީހުން ގިނަވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ފަތިސް ނަމާދަށްފަހު ބަންދު ކުރަން ނިންމާފައިވާ މިސްކިތުގައި މިއަދު ވެސް ވަނީ ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކޮށްފި އެވެ. މިސްކިތް ބަންދު ކުރުމަށް އިއުލާން ކުރި ފަހުން މިދިޔަ ހުކުރު ދުވަހު ވެސް އެ މިސްކިތުގައި ހުކުރުކޮށް ސަރުކާރުގެ ބާރުވެރިކަން ނެތި ކުރުމަށް ވަނީ ދުއާކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ތައްޔާރުކުރާ ހުތުބާތަކަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ބޭނުންކުރިޔަސް، އިސްކަންދަރު މިސްކިތުގައި ހުކުރު ހުތުބާ ހިޔަނީ ވަކިން ޖަމާއަތް ހަދައިގެން އުޅޭ މީހުން އަމިއްލައަށް ތައްޔާރުކުރާ ހުތުބާއަށެވެ.

މާލޭ ސިޓީ ކައުންސިލުގެ އިއުލާނަށް ތަބާނުވުމުން އެފަރާތުން ބުނެފައި ވަނީ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާ ނަމަ ދެން އެކަން ހުއްޓުވަން ޖެހޭނީ ފުލުހުން ކަމަށެވެ.

ދަރުމަވަންތަ މިސްކިތުގައި މިއަދު އިއްވި ހުތުބާގައި ބުނީ ރައްޔިތުންގެ މަޖިލީހުން ﷲގެ ގާނޫނާ ހިލާފަށް ގާނޫނު ހަދާ ކަމަށާއި އެފަދަ މީހުންނަކީ އަދި އެ ގާނޫނުތަކަށް ތަބާވާ މީހުންނަކީ އަދި ﷲގެ ގާނޫނު ނޫން ގާނޫނެއް ތަންފީޒު ކުރުމަށް ރުހޭ މީހުންނަކީ ކަނޑައެޅިގެން ކާފަރުން ކަމަށެވެ.

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް ހުންނަ ސަރަހައްދުގައި ހުންނަ އާސާރީ މިސްކިތް، ދަރުމަވަންތަ މިސްކިތުގައި ހުކުރެއް ނުކުރެ އެވެ. ނަމަވެސް އެ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާތީ އެ މިސްކިތް ބަންދު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުމާއެކު، ކޮންމެ ހުކުރު ދުވަހެއްގައި އެ މިސްކިތުގެ ހުކުރު ހުތުބާ އަޑުއަހަންދާ މީހުން ދަނީ ގިނަވަމުންނެވެ. އޭގެ ކުރިއަކުން އެ މިސްކިތަކީ ހުކުރު ކުރާ މިސްކިތެއް ކަމެއް ވެސް ބަޔަކަށް ނުވެސް އިނގެ އެވެ.