ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން ދެރަފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ނ. މަނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖާބިރަކީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި އޭނާ ކޮންމެ ފިކުރެއްގައި ހުންނެވިނަމަވެސް "އަޅުގަނޑުގެ އަޚަކަށް ދެރަ ގޮތެއް ވީމަ" ހިތާމަފުޅު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ތަފާތު ވަނީ ހަމައެކަނި މުސާރައިން ނޫން ކަމަށާއި އެ ބޭފުޅުންނަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ނަމޫނާ ދައްވަންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފެންނަމުން ދަނީ "ގާނޫނުގެ އަތް" މެމްބަރުންނަށް ފޯރިޔަ ނުދިނުމަށްޓަކައި މަޖިލީހުގެ ތެރެއަށް ވަދެވަޑައިގެން އަމިއްލަފުޅަށް "ހިސޯރުވެވަޑައިގެން" ގާނޫނާ ޚިލާފަށް މަޖިލީހުން ހިމާޔަތް ހޯއްދަވަމުން ގެންދަވާ މަންޒަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޖާބިރު ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވިގެން ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން އެންގުމުން ކަނޑައެޅިގެން އެކަމަށް އިންކާރުކޮށްފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ކުޑަކަމުދާ އެއްޗިހި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ނުދޭނެކަމަށް ކަނޑައެޅިގެން ބުނެފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ހެކިބަސް ދިން ފުލުހުންނަކީ ޖާބިރަށް އަނިޔާ ކުރި މީހުން ކަމަށް އޭނާ ވިދާޅުވިނަމަވެސް އެ ހެކީން އަނިޔާކުރިކަން އެނގޭނެފަދަ އެއްވެސް ހެއްކެއް ޖާބިރުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ކުޑަކަމުދާއެއްޗިހި ދިނުމަށް ޖާބިރަށް އަންގި އިޖުރާއަތުތަކަކީ ސައްޚަ އިޖުރާއަތުތަކެއް ނޫންކަން އޭނާ ވިދާޅުވިނަމަވެސް ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު ކުޑަކަމުދާ އެއްޗިހި ދިނުމަށް އޭނާ އަށް އަންގާފައި ވަނީ ސައްޚަ އިޖުރާއަތުތަކެއްގެ ދަށުން ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.