ގޭގައި ތިބެގެން އަންހެން ބޭކަބަލުންނަށް މަސައްކަތްކޮށް އާމްދަނީ ހޯދޭނެގޮތަށް ޓްރޭޑް ފެސިލިޓޭޝަން ސެންޓަރެއް ހުޅުވައިފި އެވެ.

ސަބާ މޯލްޑިވްސްގެ ނަމުގައި ހުޅުވުނު އެ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރު ހިންގާ އިމާރާތް މާފަންނު ބޭންފް ވިލާގައި ހުޅުވުމަށް މިރޭ އޮތް ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަލީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އަދި ސަބާ ކޯޕަރޭޓް ސޮސައިޓީގެ ޗެއާޕާސަން ފާރިޝް މައުމޫން ބައިވެރި ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، އަންހެން ބޭކަބަލުންގެ ބައިވެރިވުމާ ނުލައި، އެންމެންގެ ބައިވެރިވުން އޮންނަ އިގްތިސާދެއް ރާއްޖޭގައި ބިނާކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަންހެން ބޭކަބަލުންގެ ބައިވެރިވުމާ ނުލައި އަޅުގަނޑުމެން ބޭނުންވާ އެންމެންގެ ބައިވެރިވުން އޮންނަ އިގްތިސާދެއް ރާއްޖޭގައި ބިނާކުރެވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. ގޭގައި ތިބެގެން އަންހެން ބޭކަނބަލުން މަސައްކަތްކޮށް އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށްދިނުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިރޭ ހުޅުވުނު ޓްރޭޑް ފެސިލިޓޭޝަން ސެންޓަރަކީ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމުގެ އިތުރުން ދިވެހި އުފެއްދުންތަކާއި ހުނަރުތަކަށް އެކަށީގެންވާ އަގު މާކެޓްކޮށް ހޯދައިދިނުމަށް ހުޅުވުނު ސެންޓަރެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"މިރޭ ހުޅުވިގެން މިދާ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރުގެ ސަބަބުން ގޭގައި ހުރެގެން މަސައްކަތް ކުރާ އަންހެނުންގެ އިތުރުން ރަހްމަތްތެރިންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެގެން ގޮސްފަ. މި ތަން މި ހުޅުވުނީ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ކުރުމުގެ އިތުރުން ދިވެހި އުފެއްދުންތަކާއި ހުނަރުތަކަށް އެކަށީގެންވާ އަގު މާކެޓްކޮށް ހޯދައިދީ، ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަގީގީ ދިވެހި އުފެއްދުންތަކާއި ރަހަތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި." ސައީދު ވިދާޅުވި އެވެ.

ޓްރޭޑް ސެންޓަރު ހުޅުވުމަށްފަހު އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި މާލީގޮތުން އެހީތެރިވެދެއްވި ސާކް ޑިވެލޮޕްމަންޓް ފަންޑަށް ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.

ސާކްގެ ޖެނެރަލް ސެކްރެޓަރީ ސަލީމް ވިދާޅުވި ގޮތުގައި، އަންހެން ބޭކަބަލުންނަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ އެވެ.

"އަޅުގަނޑު އުންމީދުކުރަނީ އަންހެން ބޭފުޅުން އުފައްދާ އުފެއްދުންތަކަށް ރަނގަޅު އާމްދަނީ އެއް ލިބޭނެ ކަމަށް. އަދި ރާއްޖޭގައި ގާއިމްކުރާ ހުރިހާ ސެންޓަރުތަކަށް ފައިދާ ލިބޭނެ ކަމަށް ވެސް އަޅުގަނޑު އުންމީދުކުރަން. އަންހެން ބޭފުޅުން ގޭގައި ތިބެގެން މަސައްކަތް ކުރައްވައިގެން އާމްދަނީ ހޯއްދަވަން މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެ." ސަލީމް ވިދާޅުވި އެވެ.

ސަބާ ކޯޕަރޭޓް ސޮސައިޓީގެ ޗެއާޕާސަން ފާރިޝްގެ ވާހަކަފުޅުގައި ވިދާޅުވީ، މި ސޮސައިޓީ އަކީ މެންބަރުންގެ ހިއްސާ އޮވެގެން ކާމިޔާބު ވިޔާފާރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ކޯޕަރޭޓް ސޮސައިޓީއަކަށް ހެދުމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

"މި ފެސިލިޓީ ގާއިމްކުރެވުމުން އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ސަބާގެ މެންބަރުން އުންމީދުކުރައްވާ ފަދައިން މި ސޮސައިޓީ އަކީ މެންބަރުންގެ ހިއްސާ އޮވެގެން ކާމިޔާބު ވިޔާފާރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ކޯޕަރޭޓް ސޮސައިޓީއަކަށް ހެދުމަށް. މިއަދަކީ މި ސޮސައިޓީގެ ހުރިހާ ބޭފުޅުންނަށް ވަރަށް ހާއްސަ ދުވަހެއް. ސޮސައިޓީގެ ތަސައްވުރާއި މަގްސަދުތައް ހާސިލްކުރުމަށް މުހިންމު މަގެއް ކޮށިގެންދިޔަ ދުވަހެއް." ފާރިޝް ވިދާޅުވި އެވެ.

ފާއިތުވި ދުވަސްތަކުގައި ތަމްރީން ޕްރޮގްރާމްތައް އެކަނި ކުރިއަށް ގެންދިއުމަށް އިސްކަމެއް ދެވުނު ނަމަވެސް މިއަދުން ފެށިގެން އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް ފާރިޝްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"ފާއިތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް އިސްކަމެއް ދެވިފައިވަނީ ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ހުނަރާއި ފަންނީ ގާބިލްކަމާއި ވިޔަފާރިއާއި ގުޅުންހުރި ހުނަރުތައް އިތުރުކުރަމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް. މިއަދުން ފެށިގެން ފެސިލީޓީތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ދިވެހި ފަރުމާތައް ދައްކައިދޭ ސަބާ ބްރޭންޑްގެ ނަމުގައި މާކެޓަށް ނެރުމަށް ކުރާ އުންމީދުން ފުރިގެންވާ މި ސޮސައިޓީގެ މެންބަރުން ކުރަން ފަށޭނެ." ފާރިޝް ވިދާޅުވި އެވެ.

ދިވެހި އަންހެނުން ތައްޔާރުކުރާ އެކި ތަކެތި ވިއްކުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީ ސަރަހައްދުގައި ފިހާރައެއް ހެދުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.