21 Feb 2014, 11:11
އެންމެފަހުން ބޭއްވި ސާކްސަމިޓަށް ތައްޔަރުވުމަށް ސިފައިންގެ ޔުނީފޯމްތަކެއް ފެހުމަށްފަހު އެއްބަސްވެފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 74،000ރ. ރުފިޔާ ދެއްކުމަށް އެމްއެންޑީއެފްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ "ބާދަލާ ފެހުން" ނަމަކަށް ކިޔާ ތަނަކުން އެމްއެންޑީއެފުން 200 ސަފާރީ ޔުނީފޯމު ފެހުމަށްފަހު، ދެ ފަރާތުން އެއްބަސްވެފައިވާ ދުވަހަށްވުރެ ލަހުން ފައިސާ ދެއްކުމުގެ ސަބަބުން، އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެތަނުން ދައުވާ ކުރި މައްސަލަ ބެލުމަށްފަހު އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފަހާތަން ހިންގަމުންދާ ފަރާތުން ޖޫރިމަނާގެ ގޮތުގައި އެމްއެންޑީއެފްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ދޭންޖެހި ނުދީވާ ފައިސާކަން ދައުލަތުގެ ބަހުންވެސް އެނގޭ ކަމަށެވެ.
ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އިއްޔެއިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް ސިވިލް ކޯޓުގެ ހުކުމުން އެމްއެންޑީއެފަށް ވަނީ އަމުރުކޮށްފަ އެވެ.