ރައްޔިތުން މަޖިލީހުގެ ގޮނޑިއަށް ހޮއްވަވައިދީފި ނަމަ މަސައްކަތްކުރާނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްދިނުމަށް ކަމަށާއި އަމިއްލަ ޖީބަށް ބޮޑުވާ ގޮތަށް އެންމެ ވޯޓެއްވެސް މަޖިލީހުގައި ނުދެއްވާނެ ކަމަށް ކެނދިކުޅުދޫ ދާއިރާއަށް ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވާފައިވާ އަލީ މައުރޫފް (ދޮނާ) ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު މައުރޫފްގެ ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ކެނދިކުޅުދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ރައްޔިތުން މަޖިލީހަށް ކުރިމަތިލެއްވީ ދިރިއުޅުމުގެ މާލީ ތަނަވަސްކަން ނެތިގެން ނޫން ކަމަށާއި އަދި އަމިއްލަ އެއްވެސް އެދުމެއް އޮވެގެން ނޫންކަމަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރާނީ ތިޔަބޭފުޅުންގެ ހައްގުގައޭ. އަޅުގަނޑުގެ ޖީބަށް ބޮޑުވާ ގޮތަށް ރައްޔިތުން މަޖިލީސްގައި ވޯޓެއް ނުދޭނަން. އަޅުގަނޑަކީ އެއްވެސް މުއްސަންޖަކަށް ދަރާނެ މީހެއް ނޫން. އަޅުގަނޑު ހުންނާނީ އަޅުގަނޑުގެ އަނބިދަރިންނާއި ތިޔަރައްޔިތުންނާއި އެކީގަ، " މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ މިސަރުކާރުގެ ވައުދުތައް ފުއްދުމަށް ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި މަޖިލީހުގެ 65 ޕަސެންޓް އަގުލަބިއްޔަތު ސަރުކާރަށް ލިބޭނެ ކަމަށް އޭނާ ޔަގީންކުރައްވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ ކެނދުކުޅުދޫ ދާއިރާއަށް އޭނާ ކުރިމަތިލެއްވީ މި ދާއިރާގެ ރައްޔިތުންގެ "ސިޔާސީ ބައްޕަ އަކަށްވުމަށް " ކަމަށާއި އެހެން ކަމުން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް މިހާރުގެ ސަރުކާރާ އެކު މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

ސިޔާސީ ދާއިރާއަށް ކުރިމަތިލެއްވީ އަމިއްލަ ފައިދާއެއް އޮވެގެނެއްނޫން ކަމަށާއި ހަމަ އެކަނި ނ. އަތޮޅުގެ ރައްޔިތުނަށް އުފާފާގަތިކަން ގެނެސްދިނުމަށް ކަމަށްވެސް މައުރޫފު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަށް ޔަގީންކަން މިއަރުވަނީ އަޅުގަނޑު ދެމި ހުންނާނީ ރައްޔިތުންނަށް ހެޔޮ ކަންކަންތަށް ކޮށްދިނުމުގައި. އެ އަޒުމުގައި އަޅުގަނޑު މިކުރިމަތިލީ،" އެމްޑީއޭގެ ނާއިބު ލީޑަރު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމިން އާއި އެމްޑީއޭގެލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވަނީ އަލީ މައުރޫފަށް ވޯޓު ދިނުމަށް ގޮވާލައްވާފަ އެވެ.