18 Dec 2010, 13:14
އައިވަރީ ކޯސްޓްގެ ރައީސްކަމުގެ މުއްދަތު ހަމަވެފައިވާ ލޮރާން ގަބްގަބޫ ވެރިކަން ދޫކޮށްލައްވަން ގަސްދުނުކުރައްވާ ކަމަށް އޭނާގެ ތަރްޖަމާން އެލަން ޓޮސާން ވިދާޅުވެއްޖެވެ. ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ޓޮސާން ވިދާޅުވީ އައިވަރީ ކޯސްޓްގައި މިދިޔަމަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ގަބްގަބޫ ކަމުގައެވެ. މިއިންތިޚާބުގެ ނަތީޖާއާ އެއްގޮތަށް ކުރިޔަށްއޮތް ފަސްއަހަރު ގަބްގަބޫ ވެރިކަމުގައި ހުންނަވާނެ ކަމަށާއި ވެރިކަން ދޫކޮށްލައްވާނީ 2015 ވަނަ އަހަރުގައި ކަމަށްވެސް ޓޮސާން ވިދާޅުވިއެވެ.
އައިވަރީ ކޯސްޓްގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދުވަނީ އަރާރުން އުފެދުނީ އެޤައުމުގެ ދެމުއައްސާއަކުން މިކަމާމެދު ދެގޮތަށް ބުނުމުންނެވެ. އިދިކޮޅު ލީޑަރަށް ލިބުނު ވޯޓުން އެއްމިލިޔަން ވޯޓު މަދުކުރުމަށްފަހު އައިވަރީ ކޯސްޓްގެ ދަސްތޫރީ ކައުންސިލުންބުނީ އިންތިޚާބު ކަމިޔާބު ކުރެއްވީ ރައީސް ގަބްގަބޫ ކަމުގައެވެ. ނަމަވެސް އިންތިޚާބާބެހޭ ކޮމިޓީންބުނީ މިއިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅުލީޑަރ ޙަސަން ވުތާރާ ކަމުގައެވެ. އިދިކޮޅު ލީޑަރަށް ލިބުނު ވޯޓުން އެއްމިލިޔަން ވޯޓު މަދުކުރީ އދިކޮޅު ލީޑަރަށް ތާއީދުކުރާ ބައެއް ސަރަޙައްދު ތަކުން ރައީސް ގަބްގަބޫއަށް ތާއީދުކުރާ ފަރާތްތަކަށް އުދަނގުލާއި ދުއްތުރާ ކުރިމަތިވިކަމަށްބުނެ ރައީސް ގަބްގަބޫ އަށް ތާއީދުކުރާ ފަރާތްތަކުންނާއި އޭނާގެ ސަރުކާރުން ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުންނެވެ. މި އެއްމިލިޔަން ވޯޓު މަދުކުރުމުގެ ކުރިން ބޮޑުތަފާތަކުން އިންތިޚާބުގައި ކުރިހޯއްދަވާފައިވަނީ އިދިކޮޅު ލީޑަރު ޙަސަން ވުތާރާ ކަމަށް އިންތިޚާބާބެހޭ ކޮމިޓީން ބުނެއެވެ. މައްސަލަ އުފެދުނީ މިނަތީޖާ ޤަބޫލު ކުރައްވަން ރައީސް ގަބްގަބޫ ދެކޮޅުހެއްދެވުމުންނެވެ.
ވެރިކަން ދޫކޮށްލެއްވުމަށް ރައީސް ގަބްގަބޫ ދެކޮޅު ހައްދަވަމުން ގެންދަވާތީ އައިވަރީ ކޯސްޓްގައި ދަނީ ހަމަނުޖެހުން އުފެދި އަހްލީ ހަނގުރާމައެއްގެ ހުޅުނގަނޑު އަލުން ރޯވަމުންނެވެ. އައިވަރީ ކޯސްޓަކީ 2002 ގައިވެސް އަހްލީ ހަނގުރާމައެއް ފެށުނު ޤައުމެކެވެ. ނަމަވެސް މިހަނގުރާމަ ދިގުދެމިގެންނުގޮސްވަނީ ހުއްޓިފައެވެ. އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވަން ރައީސް ގަބްގަބޫ ދެކޮޅު ހައްދަވަމުން ގެންދެވުމުގެ ސަބަބުން އިދިކޮޅު ލީޑަރ ޙަސަން ވުތާރާ އަށް ތާއީދުކުރާ ފަރާތްތައް މަގުތަކަށް ނުކުމެ ޤައުމީ ޓީވީ އެމީހުންގެ ބާރުގެ ދަށަށްގެންނަން އިއްޔެ މަސައްކަތްކުރުމުން ސިފައިންވަނީ އެމީހުންގެ ގަޔަށް ބަޑިޖަހައި ވިއްސަކަށް މީހުން މަރާލާފައެވެ. އިދިކޮޅު ލީޑަރ ޙަސަން ވުތާރާއާއި ރައީސް ބަގްބަގޫ ވެސްވަނީ ރައީސް ކަމުގެ ހުވާ ކުރައްވާފައެވެ. އެޤައުމުގައި މިހާރު ދެ ރައީސުން ތިއްބެވި ނަމަވެސް ސިފައިންގެ މުއައްސަސާއާއި ދައުލަތާއި ސަރުކާރުގެ ގިނަ އިދާރާތައްވަނީ ރައީސް ބަގްބަގޫގެ ކޮންޓްރޯލްގެ ދަށުގައެވެ.
އދ. އާއި ޔޫރަޕާއި ދުނިޔޭގެ ބައެއް ޤައުމުތަކުންވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ލީޑަރ ޙަސަން ވުތާރާއާ ވެރިކަން ޙަވާލު ކުރުމަށް ރައީސް ގަބްގަބޫ އަށް ގޮވާލާފައެވެ. އެމެރިކާއިންވަނީ ރައީސް ގަބްގަބޫއާއި އޭނާގެ ޢައިލާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.