ރައްޔިތުންގެ މަޖިލީހަށް ޝަރަފާއި ކަރާމާތް އެނބުރި ގެންނަން ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގެ ޓިކެޓުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ނ. އަތޮޅަށް ވާދަ ކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ނ. ކެނދިކުޅުދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވަނީ ރިޔާސީ އިންތިހާބުގައި އެ އަތޮޅުން އެމަނިކުފާނަށް ދެއްވި ވޯޓަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
~
މަންމާފުޅު، ނިސްބަތްވެވަޑައިގަންނަވާ ނ. ވެލިދޫ ހިމެނޭ އަތޮޅުގެ ދަރިއަކަށް ވީތީ، ފަހުރުވެރިވެވަޑައި ގަންނަވާ ކަމަށާއި "އެއީ އަޅުގަނޑަށް ލިބޭ ޝަރަފެއް" ކަމަށް ރައީސް ޔާމިން މިރޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނ. އަތޮޅަކީ ތަރައްގީ ކައިރި އަތޮޅެއް ކަމަށާއި އެ އަތޮޅަށް ހިދުމަތް ކުރުމުގައި ދެމިހުންނަން ބޭނުންފުޅު ވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ނ. އަތޮޅުގެ ރައްޔިތުން އެއްބާރުލުން ދެއްވަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަހަރު ނ. އަތޮޅުން ވިދާޅުވާން އެބަޖެހޭ އެމްޑީޕީއަށް ޖާގައެއް ނެތޭ. މި ހަތަރު ގޮނޑިއަކީ [ނ. އަތޮޅުގެ ހަތަރު ދާއިރާ] އަޅުގަނޑުމެންގެ ކޯލިޝަނަށް، އަދި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކީ، ހިދުމަތް ކުރުމަށް އައިސް ތިބި ގޮނޑިތަކަށްވާން އެބަޖެހޭ،" ރައީސް ޔާމިން ވިދާޅުވި އެވެ.

"ނ. އަތޮޅަކީ ތަރައްގީ ކައިރި އަތޮޅެއް. މި އަތޮޅުގެ ދަރިއަކަށްވީތީ ފަހުރިވެރިވަން، އެއީ އަޅުގަނޑަށް ލިބޭ ޝަރަފެއް. އެހެން ނަމަވެސް ނ. އަތޮޅަށް ފުރިހަމަ ހިދުމަތެއް ކުރުމުގައި ތިބޭފުޅުން އެބަޖެހޭ އަޅުގަނޑަށް އެއްބާރުލުން ދެއްވަން."

މަޖިލީހަށް ޝަރަފާއި ކަރާމާތް އެނބުރި ގެންނަންޖެހިއްޖެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ނ. އަތޮޅަށް އެމްޑީއޭއިން ކުރިމަތިލައްވާފައިވާ ހަތަރު ކެންޑީޑޭޓުން މަޖިލީހަށް ހޮއްވަވަންޖެހޭ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ އިޖުތިމާއީ އެކިއެކި ދާއިރާތަކުގައި އުޅުއްވާފައިވާ ބޭފުޅުން ކަމަށާއި އެމްޑީއޭއިން އެ އަތޮޅަށް ނުކުންނަވާ ކެންޑިޑޭޓުންނަކީ މަޖިލީހުގެ ވޯޓު "އަގުމަގު" ކުރާނެ ބަޔަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަށް ތައުރީފު ކުރައްވައި ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީން "ދައްކަވާނީ" އިހްލާސްތެރިން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރެވޭ ގޮތުގައި މިހާރުގެ ރައްޔިތުންގެ މަޖިލީހަށް ޝަރަފާއި ކަރާމާތް އެނބުރި އަންނަން އެބަ ޖެހޭ... ނ. އަތޮޅުގެ ގިނަ ރައްޔިތުންގެ އިތުބާރު ހޯއްދަވާފައި ހުރި އެއް ބޭފުޅެއްގެ ނަންފުޅު ދައްނަވާ ކަމުގައިވަންޏާ ތި ހުރިހާ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާނެ އެއީ އަހުމަދު ސިޔާމް މުހައްމަދު ކަމަށް. އެމަނިކުފާނުގެ ޕާޓީން ދައްކަވާނީ އިހްލާސްތެރިން،" ކެނދިކުޅުދޫ ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

"އެމަނިކުފާނު ޕާޓީން ނުދައްކަވާނެ ރައްޔިތުންގެ މަޖިލީހަށް ހޮވުމަށްފަހު، ވޯޓަކީ 'އަގު މަގު' ކުރަންޖެހޭނެ އެއްޗެއް ކަމަށް ދައްކާނެ ބަޔަކު މި ޕާޓީ[އެމްޑީއޭ]އަކުން ނުދައްކާނެ. އެ އިތުބާރު އަޅުގަނޑަށް އޮވޭ ސިޔާމް ޕާޓީއާ ދޭތެރޭގައި،"

ނ. އަތޮޅުގެ ހަތަރު ދާއިރާއަށް އެމްޑީއޭގެ ޓިކެޓުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަކީ ކެނދިކުޅުދޫ ދާއިރާއަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު (ދޮނާ) އާއި ހޮޅުދޫ ދާއިރާއަށް އަލީ ޝާތިރާއި ވެލިދޫ ދާއިރާއަށް އަލީ ފާރިޝްގެ އިތުރުން މަނަދޫ ދާއިރާއަށް އުމަރު ހުސައިން އެވެ.