20 Feb 2014, 23:51
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރުމުން އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހުކުމް ކުރުމާ އެކު ފުލުހުންގެ ބެލުމުގެދަށުން ޖާބިރު ފުރަތަމަ ގެންދިޔައީ މާލޭ ޖަލަށް ކަމަށެވެ. އަދި އޭގެފަހުން މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި ހުކުމް ތަންފީޒުކޮށް ނިމެންދެން ޖާބިރު ހުންނަވާނީ އެތަނުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖާބިރު މިހާރު ވަނީ މާފުށީ ޖަލަށް ބަދަލުކުރެވިފައި. ހުކުމް ތަންފީޒުކޮށް ނިމެންދެން އޭނާ ހުންނަވާނީ މާފުށީ ޖަލުގައި،" އޮފިޝަލް ވިދާޅުވި އެވެ.
ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން ޖާބިރަށް އަންގާފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހދ. ހޮނަޑައިދޫގައި އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެންނެވެ.
އެ މައްސަލަ ޖާބިރުގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި ތިން ފުލުހުން ވެސް ވަނީ ކުޑަކަމުދާއެއްޗިހި ދިނުމަށް އޭނާ އިންކާރު ކުރެއްވި ކަމަށް ބުނެފަ އެވެ.
ހެކިބަސް ދެމުން ތިން ފުލުހުން ވެސް ބުނީ ކުޑަކަމުދާއެއްޗހި ދިނުމަށް ޖާބިރަށް އަންގާފައި ވަނީ ގަވާއިދުގައި ބުނެފައިވާ ފަދައިން ފޯމަކުން ކަމަށާއި ފޯމް ދައްކަން އުޅުނުން އޭނާ އެ ފޯމް ބަލަން ބޭނުންނުވި ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ޖާބިރު ވިދާޅުވީ އެ ތިން ހެކީންނަކީ އޭނާ އަށް އަނިޔާކުރި މީހުން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ތިން ފުލުހުން ޖާބިރަށް އަނިޔާކުރިކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ.