20 Feb 2014, 23:15
އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބުގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ޑޮކްޓަރ އަޙްމަދު ރިޔާޒަކީ، ނިއުޒީލަންޑްގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންޓަނުން އެޑިޔުކޭޝަންގެ ރޮނގުން ޑޮކްޓަރު އޮފް ފިލޯސަފީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މާސްޓަރޒް ފުރިހަމަކުރެއްވީ، އެސެސްމަންޓް އެންޑް އިވެލުއޭޝަންގެ ރޮނގުން އޮސްޓްރޭލިޔާގެ ދަ ޔުނިވަރސިޓީ އޮފް މެލްބަންގަ އެވެ. އޭގެކުރިން އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީން ސައިންސްގެ ރޮނގުން ބެޗްލަރޒް ޑިގްރީ ޙާޞިލު ކުރައްވާފައިވެ އެވެ.
ޑޮކްޓަރ އަޙްމަދު ރިޔާޒަކީ، މީގެކުރިން ވެސް ތަޢުލީމީ ދާއިރާގައި ޚިދްމަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން، މަޖީދިއްޔާ ސްކޫލްގެ މެތަމެޓިކްސް ޓީޗަރުކަމާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަންގެ މެތަމެޓިކްސް ޓީޗަރުކަމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ސުޕަވައިޒަރުކަން ވެސް ކުރައްވާފައިވެ އެވެ.