20 Feb 2014, 22:18
އިންޑިއާގެ ވިޔަފާރިވެރިން ތިބީ ރާއްޖޭގައި (އެމީހުންނާ ގުޅުން ހުރި) މައްސަލަތަލަށް ހައްލުވޭތޯ ބަލަން ކަމަށް އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ޚޫރުޝީދު ވިދާޅުވެއްޖެއެވެ.
ޚޫރުޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ އިންޑިއާ ސަރުކާރުން ބިނާކޮށްދިން އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ ދިވެހިސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައެވެ.
"... އަޅުގަނޑުމެންގެ ވިޔަފާރިވެރިން ތިބީ ރާއްޖޭގައި އިންވެސްޓްކުރަން ވަރަށް ޝައުގުވެރިވެފައި، އަދި ތިބީ މައްސަލަތައް ހައްލުވެ، ރައީސް ޔާމީން ފާހަގަކުރެއްވި ގޮތަށް މަސައްކަތް ކުރެވޭ ފަދަ މާހައުލެއް އުފެދޭތޯ ބަލަން،" ޚޫރުޝީދު ވިދާޅުވިއެވެ.
ސަލްމާން ޚޫރުޝީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޖީއެމްއާރަށް އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކުރުމަށް ވެފައި އޮތް އެއްބަސް ވުން އުވާލި މައްސަލައެއް ކޯޓްގައި ވަނިކޮށެވެ. އަދި ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމަށް ޓާޓާ ކުންފުނިން ކުރި އިންވެސްޓްމެންޓެއްގެ މަސައްކަތް ވެސް ހުއްޓިފައި ވަނިކޮށެވެ.
މައްސަލަތައް ހައްލުވޭތޯ ބަލަން ވިޔަފާރިވެރިން ތިބި ކަމަށް ވިދާޅުވުމުގެ ކުރިން ޚޫރުޝީދު ވިދާޅުވީ ދިވެހިންނަށް ފަސޭހައިން އިންޑިއާއަށް ދަތުރުކުރެވޭނެ ގޮތެއް ހެދުމަށް ވިސާ ފްރީކޮށްދީފައިވާ ވާހަކައެވެ. އަދި އިންޑިއާއިން ހިލަޔާއި ހިލަވެލި ގެނައުމުގެ މައްސަލައަށް އެޑްރެސްކޮށްފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
" ... ދިވެހިން އިންޑިއާއަށް ދަތުރުކުރުން ، ހާއްސަކޮށް ބޭސް ފަރުވާއަށާއި ޓޫރިޒަމްގެ ބޭނުންތަކަށް އަޅުގަނޑުމެން ވަނީ ވިސާ ފްރީ ރެޖީމެއް ތައާރަފްކޮށްފައި. ހިލަޔާއި ހިލަވެލި އެކްސްޕޯޓްކުރުމުގެ މައްސަލައަށް ވެސް ވަނީ އެޑްރެސްކޮށްފައި. ޕެޓްރޯލިއަމްގެ އުފެއްދުންތައް [ތެލުގެ ބާވަތްތައް] އެކްސްޕޯޓް ކުރުމާ މެދު ދަނީ ވިސްނަމުން، " ޚޫރުޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ތައްޔާރަށް އޮތްކަމަށް އެގައުމުން ބުނާ ބުނުން ޚޫރުޝީދު މިރޭ ވެސް ތަކުރާރުކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޒާހިރު ހުސައިންއާއި ޔުނިވަސިޓީގެ އެހެން އިސްވެރިންނާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވެސް ބައިވެރިވަޑައިގެންނެވިއެވެ.