20 Feb 2014, 21:56
ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ބިނާކޮށްދިން އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް މިރޭ ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
އެފެކަލްޓީ ސަރުކާރާ ހަވާލުކޮށްދެއްވީ އެތަނުގައި މިރޭ އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ޚޫރުޝީދު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ފެކަލްޓީއާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަލްމާން ޚޫރުޝީދު ވިދާޅުވީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އެކޭ އެއްގޮތަށް ފެކަލްޓީ ހިންގުމުގައި ވެސް އިންޑިއާއިން އެހީތެރިވެދެމުންދާނެ ކަމަށެވެ. އެގޮތުން ތަޖުރިބާކާރުން ފޮނުވައިދިނުމާއި ކަރިކިއުލަމް ތަރައްގީ ކުރުން ފަދަ ކަންތައްތައް އެ ގައުމުން ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިޖީއެމްއެޗްގައި ދެ ގައުމުގެ ބައިވެރިވުން އޮތް ފަދައިން އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ ހިންގުމުގައި ވެސް އަޅުގަނޑުމެންގެ ބައިވެރިވުން ކުރިއަށްދާނެ. މާހިރުން ފޮނުވުމާ ކަރިކިއުލަމް ތަރައްގީކުރުން ފަދަ ކަންކަމުގައި،" ޚޫރުޝީދު ވިދާޅުވިއެވެ.
އަދި ވިދާޅުވީ އިންޑިއާގެ މަޝްހޫރު ހޮޓެލް މެނޭޖްމެންޓް އިންސްޓްޓިއުޝަންތަކާ ފެކަލްޓީއާ ދެމެދު (ތަޖުރިބާއާއި މައުލޫމާތު ) ހިއްސާ ކުރުން ފަދަ ކަންތައްތައް ވެސް އެގޮތުން ކޮށްދޭނެ ކަމަށެވެ. ރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި އިންޑިއާގެ އިންސްޓްޓިއުޝަންތަކާ ދެމެދު ގުޅުން އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ގައުމީ ޔުނިވަސިޓީއާ ގާތުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ތައްޔާރަށް އޮތްކަމަށް އެގައުމުން ބުނާ ބުނުން ޚޫރުޝީދު މިރޭ ވެސް ތަކުރާރުކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޒާހިރު ހުސައިންއާއި ޔުނިވަސިޓީގެ އެހެން އިސްވެރިންނާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވެސް ބައިވެރިވަޑައިގެންނެވިއެވެ.