ނ. މނަދޫގައި ތަފާތުއެކި ކުޅިވަރުތައް ކުޅޭވޭނެ ކުޅިވަރު އެރީނާއެއް ވަރަށް އަވަހަށް ގާއިމުކޮށްދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.

މަނަދޫ ދާއިރާއަށް ސަރުކާރު ކޯލިޝަން ފަރާތުން ކުރިމަތިލައްވާފައިވާ އުމަރު އިސްމާއިލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި މަލީހު މިއަދު ވިދާޅުވީ ނ. އަތޮޅުގައި މިއަހަރު ގާއިމުކުރާ ކުޅިވަރު ދެ އެރީނާގެ ތެރެއިން އެއް ކުޅިވަރު އެރީނާ ގާއިމުކުރާނީ މަނަދޫގައި ކަމަށެވެ. ވަޒީރު ވިދާޅުވީ ކުޅިވަރު އެރީ ތަރައްގީ ކުރާނީ އެތަނުގައި ފޫޓްބޯޅަ، ބާސްކެޓް ބޯޅަ، ވޮލީ ބޯޅަގެ އިތުރުން ފޫޓުސަލް މުބާރަތްތައް ބޭއްވޭނެ ގޮތަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ މަނަދޫގައި އެޅުމަށް ހަމަ ޖެހިފައިވާ ކުޅިވަރު އެރީނާގެ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށެވެ.

"މި ދެންނެވި ކުޅިވަރު އެރީނާގެ ހުރިހާ ލިޔެކިޔުންތައްވަނީ މިހާރު ނިމިފައި. އަޅުގަނޑުމެން ޓީވީ މެދުވެރިކޮން ހުރިހާ ޒުވާނުނާއި ހިއްސާކުރާނަން އަޅުގަނޑުމެންގެ ސްޕޯޓްސް އެރީނާތައް ތަރައްގީވެގެންދާނެ ގޮތުގެ ތަސައްވަރު. އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ އުއްމީދަކީ މިއަންނަ ހަފްތާގައި މިދެންނެވި ކުޅިވަރު އެރީނާތައް، ތަރައްގީ ކުރުމަށް ބިޑަށް ހުޅުވާލުން،" ވަޒީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފޫޓްސަލް ދަނޑުތަކަކީ ބައިނަލް އަގުވާމީ ފެންވަރު ދަނޑުތަކަށް ވެގެންދާނެ ކަމަށެވެ.

"އެއީ ހަމަ އެކަނި ދުވާލު ގަނޑީގައި ކުޅެވޭ ގޮތަކަށް ނޫން. ރޭގަނޑު ގަޑީގައި ވެސް ކުޅެވޭނެ ފުޓުސަލް ދަނޑުތަކަށް ވެގެންދާނެ. އިރާދަކުރެއްވިޔާ އޭގެ ދަނޑެއް މިރަށުގައިވެސް ގާއިމުކުރެވިގެންދާނެ،" ވަޒީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯފައިވާ ގޮތަށް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ގިނަ ރަށްތަކެއްގައި ކުޅިވަރު އެރީނާތައް ތަރައްގީކުރާނެ ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް ކޮންމެހެންވެސް ރައްޔިތުމަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި މަނަދޫގެ ތަރައްގީއަށް ކުރުމަށް ރާވާފައިވާކަން ކަން ކުރުމަށް އުމަރުއަށް ވޯޓުދިނުމަށް ވަނީ ވަޒީރު އެދިވަޑައިގެންފަ އެވެ.