ޏ. ފުވައްމުލަކުގެ ދެ އަވަށެއްގައި ކޮމިއުނިޓީ އީ ސެންޓަރު މިއަދު ހުޅުވައިފި އެވެ.

އީ ސެންޓަރު ގާއިމްކޮށްފައި ވަނީ ހޯދަޑާއި ދޫނޑިގަމު އަވަށުގަ އެވެ. އީ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހީމާއި ޔޫތު މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވީ އެ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ އާއްމު ދިރިއުޅުމާއި ޓެކްނޮލޮޖީ ގުޅުވާލުން ކަމަށެވެ. އަދި އެ ސެންޓަރު ތަކުގެ ސަބަބުން ކަމާބެހޭ އިދާރާތަކުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ޒުވާނުންނާއި އާއްމުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންޓަނެޓް މެދުވެރިކޮށް ސަރުކާރުގެ އޮފީސްތަކުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމުގައި މި ސެންޓަރުތަކަކީ [އީ ސެންޓަރު] އެހީތެރިއަކަށް ވެގެންދާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެރަށުގައި އީ ސެންޓަރުތައް ގާއިމްކުރެވިފައި ވަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ އެއްބާރުލުމާ އެކު ކަމަށާއި އެކަމަށްޓަކައި އެ ދެ އިދާރާގެ ވެރީންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އީ ސެންޓަރުތައް ގާއިމްކުރަނީ ސާކް ޑިވެލޮޕްމަންޓް ފަންޑުގެ އެހީގަ އެވެ. އެ ފަންޑުގެ އެހީގައި ރާއްޖޭގެ 50 ރަށެއްގައި އީ ސެންޓަރު ގާއިމްކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.