ޕާކިސްތާނަށް ޖާސޫސު ކުރުމަށްޓަކައި އެމެރިކާއިން އެޤައުމަށް ފޮނުވާފައިވާ އެންމެ ބޮޑު ޖާސޫސުގެ ޙަޤީޤަތް ބޭޒާރުވުމާގުޅިގެން އެޤައުމުން އޭނާ ބޭރުކުރުމުގެ މަސައްކަތް އެމެރިކާ ފަށައިފިއެވެ. އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ.) ގެ މަސްއޫލުވެރިއަކު އިއްޔެ ވިދާޅުވީ އެއިދާރާއިން ފާކިސްތާނުގައި ބަހައްޓާފައިވާ އެންމެ އިސް ޖާސޫސީ އޮފްސަރަށް ޕާކިސްތާނުގައި ނޫޅެވި އޭނާގެ ފުރާނައަށް ގެއްލުންވާ ހިސާބަށް ކަންތައްތައް ގޮސްފައިވާތީ ކުއްލި ޙާލަތުގައި އޭނާ އަނބުރައި ޤައުމަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ. ނަމަވެސް އެމެރިކާގެ ޖާސޫސީ އިދާރާގެ މަސައްކަތްތައް މެދުނުކެނޑި ޕާކިސްތާނުގައި ކުރިޔަށް ގެންދާނެ ކަމަށް އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ޕާކިސްތާނުގައި ހުންނަ އެމެރިކާގެ ޖާސޫސީ އެންމެ އިސްވެރިޔާގެ ޙަޤީޤަތް ޢާންމުންނަށް ހާމަވުމުން އޭނާ މަރާލާފާނެކަމުގެ ބިރުވަނީ ހީވެފައެވެ. ޕާކިސްތާނަކީ މިހާރުވެސް ކޮންމެ ދުވަހަކު އެމެރިކާގެ ޙަމަލާތައް އަމާޒުވެ މިޙަމަލާތަކުގައި ޕާކިސްތާނުގެ އެތަށް ބަޔަކު މަރުވަމުންދާ ޤައުމެކެވެ. މީގެއިތުރުން ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވެސް ވަންނަ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެހެންކަމުން ޕާކިސްތާނުގެ ހަނގުރާމަވެރިންގެ އިތުރުން އެޤައުމުގެ ޢާންމުންގެ މެދުގައިވެސް އެމެރިކާއާދެކޮޅަށް ބަދަލުހިފުމުގެ ވަރުގަދަ ރޫހެއްވަނީ އުފެދިފައެވެ. މިިދިޔަ ހުކުރު ދުވަހުވެސް އެމެރިކާގެ މަތިންދާބޯޓަކުން ދިން ޙަމަލާތަކެއްގައި ޕާކިސްތާނުގެ ހަނގުރާމަވެރިންނާއި ޢާންމުންގެ ފަންސާސް ހަތަރު މީހަކުވަނީ މަރުވެފައެވެ. އެމެރިކާ ބުނާގޮތުން އެމެރިކާގެ ޖާސޫސީ އިސްވެރިޔާގެ ޙަޤީޤަތް ޢާންމުންނަށް ބޭޒާރުކޮށްލީ ޕާކިސްތާނުގެ ޖާސޫސީ އިދާރާއިންނެވެ. - ޖަވާދު