20 Feb 2014, 20:40
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ޑިއުޓީ ފްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އައު ޔުނިފޯމެއް ތައާރަފްކޮށް، ޑިއުޓީ ފްރީގައި ދިވެހި އަމިއްލަ އުފެއްދުންތައް ވިއްކޭނެ އިންތިޒާމެއް ގާއިމް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އައިއެންއައިއޭގެ ޑިއުޓީ ފްރީގައި ދިވެހިންގެ އުފެއްދުންތައް ދައްކާލުމަށް މިއަދު އެއްބަސްވެފައި ވަނީ އެކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އާއި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ސޮސައިޓީ ސަބާހް ކޯޕަރޭޓިވް ސޮސައިޓީ އާއި ދެމެދު އެވެ.
ހުޅުމާލެ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމާއި ސަބާހް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން އަދި އެކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ފާރިސް މައުމޫނެވެ.
ރަސްމިއްޔާތުގައި އެކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ރީތި ގައުމު ތަމްސީލުކުރާ ތަންކަމުން، އެއާޕޯޓު ޑިއުޓީ ފްރީގެ މުވައްޒަފުންގެ ޔުނީފޯމަކީވެސް ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން އެމްއައިއައިއޭގެ ހުރިހާ މުވައްޒަފުންގެ އަމާޒަކަށްވާންވާނީ ގައުމަށް އަންނަ ފަތުރުވެރިންނަކީ ގައުމު އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކުރުމަށްފަހު ފުރާ ބަޔަކަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެއާޕޯޓުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް މި ދިވެހިރާއްޖެ އެންމެ ފުރިހަމަގޮތުގައި ތަމްސީލު ކޮށްދެއްވުން އެއީ އެންމެ އިސްކަމެއްދޭ މަސައްކަތް ކަމުގައި ބަލައިގަންނާށޭ. ތިޔަބޭފުޅުންނަކީ ހަގީގީ ދިވެހި އެމްބެސެޑަރުންނޭ. ތިޔަބޭފުޅުން ރާއްޖެ ތަމްސީލުކޮށްދޭ ގޮތަކަށް މިގައުމު ފެނިގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ގޭގައި ތިއްބަވައިގެން މަސައްކަތްކުރައްވާ ދިވެހި އަންހެން ބޭކަބަލުންގެ އުފެއްދުންތައް ދައްކާލެވޭނެ ގޮތަކަށް އެއާޕޯޓު ޑިއުޓީ ފްރީގައި ތަނެއް ހެދިގެން ދިއުމަކީ ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ރާއްޖޭގެ އުފެއްދުންތައް ހުޅުވާލުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ދިވެހިން ތައްޔާރުކުރާ ތަކެއްޗަކީ 100 ޕަސެންޓް ދިވެހިން ތައްޔާރުކުރާ އެއްޗެއްކަން އިނގޭ ގޮތަށް ނިޝާނެއް ފަރުމާ ކުރެވިފައިވާ ކަމަށާއި އެ ނިޝާން ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަރުތުވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ދިވެހިންގެ ސުވަނިއަރެއް ލިބެން ނެތުން ކަމަށް ފާހަގަކުރައްވާ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބަންދު ވިދާޅުވީ މިއަދަކީ ރާއްޖޭގައި މަސައްކަތްތެރި ދިވެހި އަންހެން ކަނބަލުންނަށް އިގްތިސާދީ ގޮތުން އިތުރު ކުރިއެރުމެއް ލިބޭ ދުވަހެއް ކަމަށެވެ. އަދި ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ތައްޔާރުކުރާ ބޭފުޅުން އެކުރައްވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ބަންދު ވިދާޅުވި އެވެ.