20 Feb 2014, 18:58
އިންޑިއާ އާއި ރާއްޖެއާ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ގުޅިލާމެހިފައި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާނު ޚޫރުޝީދު ވިދާޅުވެއްޖެ އެވެ.
ޚޫރުޝީދު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އަށް ހަދިޔާކުރި ލޭންޑިން ކްރާފްޓް ހަވާލުކުރެއްވުމަށް ކޮމާޝަލް ހާބަރު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
"... ގާތުން މަސައްކަތް ކުރުމަށާއި، ރާއްޖެއާ ދެމެދު އޮތް ވަރަށް ގާތް، ވަރަށް ޚާއްސަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާ އޮތީ ތައްޔާރަށް. ސަލާމަތީ ކަންކަމުގައި އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ހިނދެއްގައި އިންޑިއާ އަބަދުވެސް އޮތީ ރާއްޖެއާ އެކުގައި. އަޅުގަނޑުމެންގެ ދެގައުމުގެ ސަލާމަތާ ރައްކާތެރިކަން ވަނީ ގުޅިލާމެހިފައި،" ޚޫރުޝީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ތަރައްގީގެ ހުރިހާ ދާއިރާއަކާއި ސަލާމަތީ ކަންކަމުގައި ރާއްޖެއަށް އެހީތެރިވުމުގައި އިންޑިއާ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ސަލާމަތީ ގޮތުން ދެގައުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ދެގައުމު ގުޅިގެން މަސައްކަތް ކުރުމުން ސަރަހައްދަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ.
"... އަޅުގަނޑުމެންގެ ދެ ގައުމަށް ސަލާމަތީ ގޮތުން ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. ހާއްސަކޮށް ކަނޑުގެ ސަރަހައްދުގެ ދާއިރާއިން. އަޅުގަނޑަށް ޔަގީން ދެގައުމު ގުޅިގެން މަސައްކަތްކޮށްފިއްޔާ އިތުރު ބާރެއް ލިބި، މުޅި ސަރަހައްދަށް ވެސް ރައްކާތެރިކަން ލިބޭނެކަން،" އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ޚޫރުޝީދު ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ލޭންޑިން ކްރާފްޓް ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާ ހަވާލުކޮށްދެއްވާފަ އެވެ. އަދި އެއަށް ފަހު ދެބޭފުޅުން އެ އުޅަނދު ބައްލަވާލެއްވުން އޮތެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމު ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކޯސްޓްގާޑްގެ މަސައްކަތަށް އިތުރު ކުރިއެރުން އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ މޯލްޑިވްސް ޑިފެންސް ފޯސްއާ އެންމެ ގާތް ގުޅުމެއް އޮންނަ ގައުމުކަމަށެވެ. އިންޑިއާއިން ގިނަ ގުނަ ތަމްރީނު ފުރުސަތުތަކާއި ދީފައިވާ އުޅަނދުތައް ދީފައިވާކަން ފާހަގަކުރައްވައި އެކަމަށް ޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.