ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަން ކުރި ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އެ ކޮމިޝަނުން ވަކިވެފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަންގަވައިފި އެވެ.

މަޖިލިހުގެ ވެބްސައިޓުގައި ބުނެފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަމްޒާ ވާދަ ކުރައްވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާތީ އޭނާ ޖޭއެސްސީ އިން ވަކިވެފައިވާކަން މަޖިލިހުގެ ރައީސް ކޮމިޝަނަށް އެންގެވީ ކަމަށެވެ.

"މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފައިކަން ރަސްމީ ގޮތުން އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގެވުމާ ގުޅިގެން، ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުން އެމަނިކުފާނު ވަކިވެއްޖެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މިއަދު އަންގަވައިފި،" މަޖިލިހުން ބުނެފައިވެ އެވެ.

ޖޭއެސްސީގެ މެންބަރުކަމުން ހަމްޒާ ވަކިވެފައިވާ ކަމަށް މަޖިލީހުން ކޮމިޝަނަށް އަންގަވާފައިވާ ކަމަށް ޖޭއެސްސީން ވެސް ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ މެންބަރުކަމުން ހަމްޒާ ވަކިވެފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވުމުން ހަމްޒާ ވިދާޅުވެފައި ވަނީ ގާނޫނީ ގޮތުން އޭނާ މަގާމުން ވަކިވެފައިނުވާ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަންބަރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލައިފި ނަމަ އެ މެންބަރެއްގެ މަގާމު ހުސްވާނެ ކަމަށެވެ. ހަމަ އެ ގާނޫނުގެ 14 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް އައްޔަން ކުރާ މެންބަރުން މަގާމުން ވަކި ކުރެވޭނީ އައްޔަން ކުރާ ފަރާތަށް ކަމަށެވެ.