އެންމެ ބޮޑު އެދުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގޮނޑިތަކަކީ މަސްލަހަތު ނުގެއްލި ވާދަ ކުރެވޭ ގޮނޑިތަކަކަށްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ފުރާވަޑައިގަތުމަށް މިއަދު ރަސްމީ ފާލަމަށް ވަޑައިގެން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މަޖިލީހުގެ އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބެއް ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އެދުމަކީ މަސްލަހަތު ނުގެއްލި އިންތިހާބު ކުރިއަށް ދިއުން ކަމަށެވެ.

"މަޖިލީހުގެ އިންތިހާބަކީ ވަރަށް ވާދަވެރި އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މަސްލަހަތު ނުގެއްލި ވާދަ ކުރެވޭ ގޮނޑިތަކަކަށްވުމަކީ އަޅުގަނޑުގެ ހަމަ އެންމެ ބޮޑު އެދުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މަޖިލިހުގެ ކިތައް ގޮނޑި ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވަންތޯ ސުވާލު ކުރުމުން ހިނިފުޅުވަޑުވައި ރައީސް ވިދާޅުވީ މަޖިލިހުގެ އަގުލަބިއްޔަތަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މަޖިލީހުގެ 85 ގޮނޑިތޯ؟ 85 ލިބޭނެ ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅަކީ އިރުފުށި ރިސޯޓް ރީ ބްރޭންޑް ކުރުމަށް ބާއްވާ ހަފްލާއަށް ދައުވަތު ލިބިވަޑައިގަތުމުން ކުރައްވާ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި ނ. އަތޮޅުން ކޯލިޝަނަށް ނުކުމެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ވެސް ކޮށްދެއްވާނެ ކަމަށެވެ.

"އިރުފުށި ރީ ބްރޭންޑް ކުރައްވާ އާ ޕެކޭޖްތަކަކާ އެކީ ލޯންޗް ކުރައްވަނީ އެހެންވީމަ އެ ހުޅުވުމުގެ ރަސްމިއްޔާތަށް އަޅުގަނޑަށް ދައުވަތު ދެއްވާފައި އޮތީމަ އެ ދައުވަތު ގަބޫލުކޮށްގެން މި ދަނީ. ދެން ދާއިރު މި ވީކެންޑާ އެކީ ނ. އަތޮޅުގައި އަޅުގަނޑުމެންގެ ކޯލިޝަނުން ނުކުމެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ވެސް ކޮށްދޭން މި ދަނީ،" ރައީސް ވިދާޅުވި އެވެ.