ގއ. އަތޮޅު ކޮނޑޭ ލޯކަލް ކައުންސިލް އިންތިހާބު ބާތިލުކޮށް އަލުން އެ އިންތިހާބު ބޭއްވުމަށް ހައި ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ، ކޮނޑޭ ކައުންސިލްގެ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި، ގއ. ކޮނޑޭ، ޖޯޖެޓްވިލާ، އަލީ އިބްރާހީމް ހުށަހެޅި މައްސަލަ ބެލުވުމަށްފަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު، މުޅި ރާއްޖޭގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތެރެއިން، ގއ. ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިހާބުގައި، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 36 ވަނަ މާއްދާއާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކޮށްފައިވާކަމަށެވެ.

އެހެން ކަމުން އެންމެ ފަހުން ބޭއްވި ކޮނޑޭ ކައުންސިލްގެ އިންތިހާބަކީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ބާތިލު އިންތިހާބެއްކަމަށް، އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ގއ. ދާންދޫ ކައުންސިލް އަދި ގއ. އަތޮޅު ކައުންސިލްގެ ދަންދޫ ދާއިރާގެ ވޯޓުކަރުދާސް
"އޮޅުމަކުން" ދެވި، ގއ. ގޮނޑޭ އާގޭ، މޫސާ ޢީސާ އެކަރުދާހުގައި ފާހަގަޖަހައި ވޯޓުލާފައިވާ ކަމަށާއި އެއީ ކޮނޑޭކައުންސިލަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް ލިބެންޖެހޭ އިންތިޚާބުގެ ޞައްޙަމަކާއި ސާފުކަން ކަށަވަރުނުވާ ކަމެއް ކަމަށެވެ.

އޮޅުމަކުން ވޯޓު ލެވުމުން މޫސާ އީސާގެ ފަރާތުން އެ ޝަކުވާ ނުކުރި ނަމަވެސް އެކަން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް
ފާހަގަކުރެވުނު ހިސާބުން، އެކަން އިސްލާޙުކޮށް، ޞައްޙަ ވޯޓުކަރުދާހެއްގައި ވޯޓުލުމުގެ ފުރުސަތު ދީފައި ނުވާކަން އެނގެން އޮތުމުން ނޫނުއަސާސީގެ 36 ވަނަ މާއްދާއިން މޫސާ ޢީސާއަށް ކަށަވަރުކޮށްދީފައިވާ، ވޯޓު ދިނުމުގެ ހައްގުން އޭނާ މަހްރޫމްކުރެވިފައިވާކަމަށް ބަލަންޖެހޭކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.


އެ ހުކުމުގައި ބުނެފައިވަނީ، ކޮނޑޭ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ލެވުނު ވޯޓުގެ ރަސްމީ ނަތީޖާއަށް ބަލާއިރު، އެކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓަކު ފަސްވަނައަށް ގޮސްފައިވާއިރު، ހަވަނައަށް އެންމެގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ފަސްވަނައަށް އެންމެ ގިނައިން ވޯޓުލިބިފައިވާ ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގަކީ އެއް ވޯޓުކަމަށެވެ.
އަދި މޫސާ ޢީސާއަށް، ކޮނޑޭ ކައުންސިލަށް ވޯޓުލުމުގެ ފުރުސަތު ލިބުނުނަމަ، އެ ކައުންސިލްގެ ނަތީޖާ ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.