20 Feb 2014, 15:19
އިނގިރޭސި ކްލަބު ޗެލްސީން ދޫކޮށްލީ އެކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ޗެލްސީގެ ކުރީގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނެފި އެވެ. ބެނިޓޭޒް މިހެން ބުނެފައި ވަނީ ޗެލްސީން ހުއާން މަޓާ މެންޗެސްޓާ ޔުނައިޓެޑަށް ދޫކޮށްލުމުންނެވެ.
ކްލަބު ރެކޯޑް ޓްރާންސްފާއެއްގެ ދަށުން ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށް މަޓާ ޔުނައިޓެޑާއި ގުޅުނީ 37.1 މިލިއަން ޕައުންޑްގެ ފީއަކަށެވެ. މިދިޔަ ސީޒަންގައި ޗެލްސީގެ ކޯޗުކަމުގައި ބެނިޓޭޒް ހުރި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަޓާ އަކީ ބެނިޓޭޒް އަށް މުހިންމު ކުޅުންތެރިއެކެވެ. މަޓާ އަކީ ފާއިތުވި ދެ އަހަރު ޗެލްސީގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
"އަހަރެން މިއުޅެނީ ޗެލްސީގެ ވާހަކަތަކެއް ދައްކާކަށް ނޫން." ބެނިޓޭޒް ބުންޏެވެ. "ނަމަވެސް ފާއިތުވި ދެ އަހަރު ޗެލްސީގެ މޮޅު ކުޅުންތެރިއަކީ މަޓާ. ޗެލްސީން ދޫކޮށްލީ އެޓީމްގެ އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެން އެކަން ކޮންމެހެން ބަލާކަށް ނޫޅެން."
މިދިޔަ ސީޒަންގައި ޗެލްސީން ޔޫރޮޕާ ލީގް ނެގިއިރު އެކްލަބުގެ ކޯޗެއްގެ ގޮތުގައި ހުރީ ބެނިޓޭޒް އެވެ. މިހާރު ނަޕޯލީގެ ކޯޗެއްގެ ގޮތުގައި ހުރި ބެނިޓޭޒް ޗެލްސީ އާއި ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ.